ENGLISH
16 އޮކްޓޯބަރު 2025
ތަރައްގީގައި މުޅިން އައު މިސްރާބެއް؛ ގައުމު ބިނާކުރާނެ މަސައްކަތްތެރި ދިވެހި ޒުވާން ޖީލެއްގެ ބިންގާ
16 އޮކްޓޯބަރު 2025
|
ވަތަނީ ހިދުމަތުގެ ބައިވެރިން
ޒަމާނުއްސުރެ ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަަންކޮށްފައި އޮތީ، ދަރިވަރުންނަށް އެންމެ ރާސްތާއެއް ހުޅުވިފައި އޮންނަ ގޮތަށެވެ. އެއީ އިލްމީ މަގު ނުވަތަ އެކަޑެމިކް ޕެތެވެ. މާނައަކީ ކިޔެވުމުގައި މަތީ ވަނަތަކާއި ކާމިޔާބުތައް ހާސިލުކޮށް، އެކަށީގެންވާ ނަތީޖާއަކާއެކު ފާސްވުމުގެ އަމާޒަށް މަސައްކަތްކުރުމުގެ މަގެވެ. އެ ރާސްތާގަައި ކުރިއަށްނުދެވޭ ކުއްޖެއްނަމަ މުޖުތަމައުގައި ބޭނުމެއްނެތި ކުރާނެ މަސައްކަތެއް ނެތި، އިޖުތިމާއީ ހަރުގަނޑުން އުހަށް އެރޭނެ އެއްވެސް ގޮތެއް ނޯވެއެވެ. މުޖުތަމައުގެ ހަވާސާގަައި ބާކީވެ އެކަހެރިވެ ގެއްލިގެންދިއުން ނޫނީ، ކުށުގެ ވެއްޓަށް ވަދެ ގާނޫނީ އިމުން ބޭރުން ހަރަކާތްތެރިވުން ނޫން ގޮތެއް އެފަދަ ކުދިންނަށް މި މުޖުތަމައުގައި ނޯވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މި ހާލަތު ބަދަަލުކުރެއްވުމުގެ މަތިވެރި އަޒުމާއެކުއެވެ. އެކަމަށްޓަކައި އެކި ގޮތްގޮތުން ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ އިސްނެންގެވުމަށް ސަރުކާރުން ފަށާފައިވެއެވެ.
އެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ ވަތަނީ ހިދުމަތުގެ ޕްރޮގުރާމެވެ. ގްރޭޑް 10 ނުވަތަ 12 ނިންމުމަށްފަހު ކުރިއަށްދާނެ މަގުތައް ބަންދުވެ، ދާންވީ މިސްރާބު ސާފުނުވެ، ހުއްޓުން އަރާފައި ތިބި އެތައް ހާސް ޒުވާނުންނެއްގެ އަތުގައި ހިފައި، ރަނގަޅު އަހުލާގާއި، މަސައްކަަތްތެރިކަމާއި، އުޅުންތެރިކަން އުނގަންނައިދީ ތަރުބިއްޔަތުކޮށް، ގައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މުވާތިނުންތަކެއް ބިނާކުރުމަށް ހިންގޭ މުހިއްމު ޕްރޮގުރާމެކެވެ.
ދުނިޔޭގައި މިފަދަ ޕްރޮގުރާމުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރި ގައުމުތަކުގެ ތެރެއިން ދެކުނު ކޮރެޔާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ ތަޖުރިބާއަށް ބަލައިލުމުން ފެންނަ ހަގީގަތަކީ މިފަދަ ޕްރޮގުރާމުތަކުގެ ސަބަބުން އެ ޕްރޮގުރާމުތަކުގެ ބައިވެރިންގެ ފަރުދީ ކުރިއެރުމަށް ހުރި ފުުރުސަތުތައް އިތުރުވެ، ކެރިއާ ބިނާކުރުމަށް މަގުފަހިވާ ކަމެވެ.
2017 ވަނަ އަހަރު އެމެރިކާގެ ދި ކޯޕަރޭޝަން ފޯ ނޭޝަނަލް އެންޑް ކޮމިއުނިޓީ ސާވިސްއިން ޝާއިކުރި ރިޕޯޓެއްގައި ފާހަގަކުރި ގޮތުގައި އެމެރިކޯޕްސްގައި ބައިވެރިވެ ގައުމީ ހިދުމަތުގެ ޕްރޮގުރާމު ފުރިހަމަކުރާ ޒުވާނުންގެ ފަންނީ ހުނަރުވެރިކަން އިތުރުވުމާއެކު، މަދަނީ ޒިންމާގެ ރޫހެއް އުފެދޭކަން އެ ޒުވާނުންނާއި އެ ޕްރޮގުރާމުގައި ބައިވެރިނުވާ ޒުވާނުންގެ ޖަވާބުތައް އެއްކޮށްލުމުން ފެނެއެވެ.
ލިން ލީ 2005 ވަނަ އަހަރު ލިޔުއްވި ނޭޝަނަލް ސާވިސް އިން ސިންގަޕޯ ލެސަންސް ފޯ ޑިވެލޮޕްމެންޓުގައި ފާހަގަކުރެއްވި ގޮތުގައި އެ ގައުމުގެ ނޭޝަަނަލް ސާވިސް ޕްރޮގުރާމުގެ ދަށުން އަސްކަރީ ތަމްރީނު ފުރިހަމަކުރާ މަރުހަލާގައި މަދަނީ ދާއިރާތަކުގައި އެކި ސިނާއަތްތަކުގައި ވަޒީފާއާއި މަަސައްކަތުގެ ކުރިއެރުން ހޯދުމަށް ބޭނުންވާ މުހިއްމު އަމަލީ ހުނަރުތައް ފޯރުކޮށްދެއެވެ.
ދެކުނު ކޮރެއާގެ ނޭޝަނަލް ސާވިސްގައި ލޮޖިސްޓިކްސްއާއި ޓެކްނޮލޮޖީއާއި ސެކިއުރިޓީ ފަދަ އެކި ދާއިރާތަކުގެ ހުނަރާއި ތަޖުރިބާ ފޯރުކޮށްދެއެވެ. މި ހުނަރުތައްވަނީ އެ ޕްރޮގުރާމު ފުރިހަމަަކުރާ ޒުވާނުން މަދަނީ ދާއިރާތަކުގައި މަސައްކަތްކުރަން ފަށައިގަތުމަށް ބޭނުންތެރި ހުނަރުތަކަކަށެވެ.
އެހެންކަމުން ވަތަނީ ހިދުމަތުގެ ޕްރޮގުރާމަކީ ކުރިން ގައުމީ ތަރައްގީގައި ހިއްސާވާން ބޭނުންވެ އެކަމަށް މަގުފަހިވެފައި ނެތް އެތައް ސަތޭކަ ޒުވާނުންނެއް ގައުމީ ތަރައްގީގެ ހަރަކާތްތަކަށް ނެރެދީ، އިގުތިސާދީ ކުރިއެރުމުގައި ހިއްސާވެ، ހަރަަކާތްތެރި ދިވެހި މުވާތިނުންތަކެއް ކަމުގައި ހަދައިދޭނެ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ އިތުރަށް މުހިއްމު އިތުރު ފިޔަވަޅެއް ރައީސް އިއުލާނުކުރައްވާފައިވެއެވެ. އެއީ އަންނަ އަހަރު ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައި ސްކޫލު ހުޅުވައި، އެތަނުގައި އޭ ލެވެލް ފެންވަރުގެ މަސައްކަތާއި ތަމްރީނު ކްލާސްތައް ހިންގުމަށް ނިންމެވުމެވެ.
ކޮންމެ ދަރިވަރަކީ އިލްމީ ރާސްތާގައި ކުރިއަށްދެވޭނެ އަދި އެކަަމުގެ ޝައުގުވެރިކަން ހުންނާނެ އެކަމަށް ބޭނުންވާނެ ކުއްޖެއް ނޫންކަން ގަބޫލުކޮށް، މަސައްކަތްތެރިކަން ދަސްކޮށް އެ ރާސްތާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ހާއްސަ މަދުރަސާއެއް ވުޖޫދުކުރައްވަން ނިންމެވި ނިންމެވުން ރަމްޒުކޮށްދެނީ އެއްވެސް ކުއްޖަކު ބާކީވިޔަނުދެއްވަން ރައީސް ނިންމެވި ނިންމެވުމެވެ.
މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ އިގުތިސާދާ ލާމެހިގެންދާނެއެވެ. ރާއްޖޭގެ އިގުތިސާދުގައި ހުރި އާމްދަނީ ހޯދޭނެ ފުރުސަތުތަކަށް ބޭނުންވާ މަސައްކަތްތެރިން މަދުރަސީ ނިޒާމުގެ ތެރެއިން ބިނާކުރަން ފެށޭނެއެވެ.
އޯއީސީޑީން ޝާއިއުކުރި ކަރުދާހެއް ކަމުގައިވާ ސްކިލް މިސްމެޗް، ޕްރޮޑަކްޓިވިޓީ އެންޑް ޕޮލިސީސްގައި ބަޔާންކޮށްފައިވާ ފަދައިން ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމަށް އެންމެ ބޮޑަށް އެޅޭ އެއް ހުރަހަކީ އެ ގައުމެއްގެ އިގުތިސާދުގައި ހުރި ފުރުސަތުތަކާއި އެ ގައުމުގެ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ މުވާތިނުންގެ ހުނަރުތަކުގެ މެދުގައި ހުރި ފަރަގެވެ. ވެލްޑަރުންނާއި، ވެއިޓަރުންނާއި، ވަޑިން ނުލިބި އެ މަސައްކަތްތައް ކުރަން ބިދޭސީން ގެންނަންޖެހެނީ ތައުލީމީ ނިޒާމުގައި އެ މަސައްކަތްތަކަަށް ބޭނުންވާ ހުނަރު ފޯރުކޮށްދެވޭނެ އިންތިޒާމެއް ނެތެމުންނެވެ.
އޭގެ އިތުރަށް އޯ ލެވެލްގައި އެކަޑެމިކް ރާސްތާއިން އެކަށީގެންވާ ކާމިޔާބެއް ނުލިބޭ ކުދިން އޭލެވެލްއަށް ކިޔެވުމުން މަހުރޫމުވެ، މަތީ ތައުލީމުންވެސް އެކަހެރިވެއެވެ. ނަމަވެސް އަލަށް ހުޅުވޭ މި ސްކޫލާއެކު، އެފަދަ ދަރިވަރުންނަށް އޭ ލެވެލްއަށް ކިޔަވަން ފުރުސަތު ލިބޭނެއެވެ. އޭލެވެލް ނިންމުމަށްފަހު މަތީ ތައުލީމު ހާސިލުކުރުމަށްވެސް ފުރުސަތު ލިބޭނެއެވެ.
ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ސިޔާސަަތުތަކަކީ ލާމެހި ގެތިފައިވާ ސިލްސިލާއެއްގެ ބައިތަކެކެވެ. ވަކިވަކިން މި ސިޔާސަތުތަކަށް ބަލައިލުމުން އެ ސިޔާސަތުތަކުން ވަކިވަކި މީހުންނަށް ލިބޭ މަންފާއެވެ. އެ ސިޔާސަތުތައް އެކީ ގަތައިލެވުމުން ފެންނަނީ، މިހާރަށްވުރެ ތަނަވަސް ފަހި މުޖުތަމައެއްގެ އަސާސްތައް ރަނގަޅަށް ތަރުތީބުކުރެވެމުންދާ މަންޒަރެވެ.
ވަތަނީ ހިދުމަތާއި މަސައްކަތް އުނގަންނައިދޭ މަތީ ސާނަަވީ ގުޅިލާމެހެމުން ބިނާވަނީ މަސައްކަތްތެރި، ހީވާގި، މުޖުތަމައަށް ހިއްސާކުރާ، ފަހުރުވެރި ދިވެހި ޒުވާން މުވާތިނެވެ. ހަވާސާއިން ނެރެ މުޖުތަމައުގެ މެދަށް އެ ނެރެދެނީ އެކަހެރިކަމުގައި ކުރިއަށްދާނެ ރާސްތާއެއް ނެތިވެ، ލަނދުވެތިކަމުގައި އިސްޖެހިފައި ހުރި ނިކަމެތި ޒުވާނާއެވެ. އޭނާ އެ ބަދަލުކޮށްލަނީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ގައުމަށް ބޭނުންހިފޭ، އާއިލާއާައި މުޖުތަމައު އޭނާއާމެދު ފަހުރުވެރިވާ ހަމައިސްކޮޅަށް ތެދުވެ ހުރި ގާބިލު ޒުވާނަކަށެވެ.