ENGLISH

16 އޮކްޓޯބަރު 2025

Advertisement

ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމަށް ގައުމީ ފެންވަރުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނަން: ރައީސް

16 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމަށް ގައުމީ ފެންވަރުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާން ވިދާޅުވީ ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާ ހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ވެސް ސަރުކާރުން މިދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. 

ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވާފައި ވަނީ ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު، ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް، ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވައި އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ. އެކަމަނާގެ މި މެސެޖުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ކާނާއަކީ އަސާސީ ބޭނުމެއްގެ އިތުރުން ހައްޤެއް ކަމުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ކާބޯތަކެއްޗަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ކަމަށާއި، އެކިއެކި ސަގާފަތްތަކާއި ތަފާތު މުޖުތަމަޢުތަކުގެ ގުޅުންތައް ބަދަހިކުރުމުގައި ކާބޯތަކެތީގެ ދައުރުވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ހަމަނުޖެހުންތައް އާންމުވަމުންދާ މިފަދަ ޒަމާނެއްގައި އެންމެން އަތާއި އަތް ގުޅާލައި، ގުޅުންތައް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ބަދަލުތަކަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ބަނޑުހައިހޫނުކަން ނައްތާލައި، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރެވި، ކާނާގެ ޔަޤީންކަން ހޯދޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު