ENGLISH

06 ޖުލައި 2025

Advertisement

ޗައިނާ އަދި އިންޑިއާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

28 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޗައިނާ ސަފީރު ވޮންގ ލިޝިން އަދި އިންޑިއާ ސަފީރު މަނޫ މަހާވަރު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ކުރެއްވި ޒިޔާރަތް

ޗައިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިން އާއި އިންޑިއާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ދެ ސަފީރުން ވަކިވަކިން ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ދައުރު ހަމަވާން ގާތްވެފައިވާތީއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮޮސްފައިވަނީ ޚާރިޖީ ވުޒާރާގައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އަދި ޗައިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިން 

ޗައިނާ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި، ވޭތުވެދިޔަ އަހަރު ތެރޭގައި ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތްތަކާއި ހާސިލުކުރެވުނު ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ.

ޚާރިޖީ ވަޒީރު ވަނީ ޗައިނާ ސަފީރު ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެކަމަނާ ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. ޗައިނާ ސަފީރު ވެސް ވަނީ އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި، ފާއިތުވި އަހަރުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅުގައި އެއްބަސްވެވުނު ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަނޫ މަހާވަރު އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށާއި މުހިންމު ރަށްރަށުގެ ފަރުދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ރޫޕޭ ކާޑު ތަޢާރަފުކުރުމާއި، ޔޫޕީއައި ތަޢާރަފުކުރުމާއި، ލޯކަލް ކަރަންސީ ޓްރޭޑް އެގްރީމަންޓްތަކަކީ އިޤްތިޞާދަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަފީރު ވެސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ދެ ބައްދަލުވުމުގައި ވެސް ޚާރިޖީ ވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް، ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގައި ދެ ސަފީރުން އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވައިފައެވެ.

މި ބައްދަލުވުންތަކުގައި ދެ ސަފީރުން ވެސް ވަނީ އެ ބޭފުޅުންގެ ދައުރުގައި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލުމަށާއި، ބެހެއްޓެވި ގާތްގުޅުމަށް ޝުކުރު އަދާކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު