ENGLISH

16 އޮކްޓޯބަރު 2025

Advertisement

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރަނީ

16 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ށ. ފުނަދޫގައި ޤާއިމުކުރަން ނިންމައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

ފުނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެކަމުގެ އެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިިިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެޙެނާޒް ޢާދަަމް އެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަޢުދީ އެވެ.

މީގެ އިތުރުން ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ވެސް ވަނީ ސޮއިކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާދަމާ ޢަމަލީ މަސައްކަތް ފަށާ ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި ރަށުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް ޢިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު