ENGLISH
17 ޖޫން 2026
މެސީގެ ރިކޯޑު ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާއަށް ރަނގަޅު ފެށުމެއް
17 ޖޫން 2026
|
ވޯލްޑް ކަޕުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅިވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހެޓްރިކް ހަދައި، ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރިކޯޑާ އެއްވަރުކޮށްފިއެވެ. އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އުމުރުން 38 އަހަރުގެ މެސީ ކުޅުނުއިރު، އޭނާ ވެފައިވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެ ރިކޯޑާ އަރާ ހަމަކުރުމުގެ ފުރުސަތު އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެކްސިކޯގެ ގޯލްކީޕަރު ގިލާމޯ އޮޗޮއާއަށެވެ.
އަދި މިއަދުގެ މެޗުގައި ހެދި ހެޓްރިކާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރިކޯޑު ހަދާފައި އޮތް ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އެގޮތުން ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕުތަކުގައި ޖުމްލަ 16 ލަނޑު ޖަހާފައެވެ. ދެވަނައިގައި އޮތް ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ 15 ލަނޑު ޖަހާފައިވާއިރު، ތިންވަނައިގައި އޮތް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ވެސްޓް ޖަރުމަނުގެ ލެޖެންޑް ގާޑް މުލާ ވަނީ 14 ލަނޑު ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ އަށް މިނެޓުގެ ތެރޭގައި ދެ ޓީމުންވެސް ލަނޑެއް ޖެހި ނަމަވެސް، އެ ދެ ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން މެސީ ލަނޑެއް ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމިއިރު، އޭގެ ތިން މިނެޓު ފަހުން އަލްޖީރިއާގެ ފަރެސް ޝައިބީ ކާމިޔާބުކުރި ލަނޑު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިންނެވެ.
އެކަމަކު މެޗުގެ 17 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. ރޮޑްރިގޯ ޑި ޕޯލް ދިން ބޯޅައަކުން، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖަހައިދިނީ މެސީއެވެ. މި ލަނޑާއެކު މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗެއްގައި ލީޑު ނެގި ދެކުނު އެމެރިކާގެ ފުރަތަމަ ޓީމަކަށް އާޖެންޓީނާ ވަނީ ވެފައެވެ.
ވޯލްޑް ކަޕުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު މެސީ އާއި އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އާޖެންޓީނާއިން ބަދަލުތަކެއް ގެނައިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ޖަހައިދިނީ މެސީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން އެލެކްސިސް މެކް އަލިސްޓަރ ފޮނުވާލި ހަމަލާއެއް، އަލްޖީރިއާގެ ގޯލްކީޕަރު ލޫކާ ޒިދާން ދިފާއުކުރުމުން، ރިބައުންސަށް ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގައި އަލްޖީރިއާގެ ގޯލް ބެލެހެއްޓި ލޫކާ ޒިދާނަކީ ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ މިޑްފީލްޑަރު ޒިނެދިން ޒިދާންގެ ދަރިއެވެ.
މި މެޗުގައި މެސީ ހެޓްރިކް ހަދާފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ބަދަލަކަށް ކުޅެން އެރި ނިކޯ ގޮންޒާލޭޒްގެ އެހީއާއެކު އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކަކީ ވޯލްޑް ކަޕެއްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.