ENGLISH
16 އޮކްޓޯބަރު 2025
މި ސަރުކާރުން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓުގެ ޚިދުމަތް، ރައީސް އިފްތިތާޙު ކޮށްދެއްވައިފި
16 އޮކްޓޯބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓުގެ ޚިދުމަތް، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ތިރީސް ޓަނުގެ މި އައިސް ޕްލާންޓުގެ ޚިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދޫއަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، ފުނަދޫގައި ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިފުތިތާޙުކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ. އެގޮތުން، ފުނަދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކުރައްވާފައިއެވެ. އަދި މިރޭ، ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ، ފުނަދޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ސޮއިކުރައްވާފައެވެ.