ENGLISH
16 އޮކްޓޯބަރު 2025
ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުމާ އެ ރަށަށް އެތައް މަޝްރޫޢުއެއް
16 އޮކްޓޯބަރު 2025
|
މިރޭ އޮތް ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަންކުރާ ރަށް، ފުނަދޫއަށް ވަޑައިގެން، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިފުތިތާޙުކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވައިފި އެވެ.
އެގޮތުން، ފުނަދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކުރައްވާފައިއެވެ. އަދި މިރޭ، ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ، ފުނަދޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ސޮއިކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާދަމާ ޢަމަލީ މަސައްކަތް ފަށާ ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި ރަށުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް ޢިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަށުގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
ފުނަދޫއަކީ އަބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ރާއްވަވަމުން ގެންދަވަނީވެސް އެފަދަ ވިސްނުންފުޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.