ENGLISH

25 އޮކްޓޯބަރު 2025

Advertisement

ރައީސްގެ ދަތުރުފުޅުގައި މަރޮށީގައި ހަތަރު މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފި

15 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. މަރޮއްޓަށް ވަޑައިގެން އެރަށުގައި ހަތަރު މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވައިފި އެވެ. 

މަރޮއްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ މިއަދު މެންދުރު ފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށުގައި ފައްޓަވައިދެއްވީ، މަގު ހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަޝްރޫޢުގެ އިތުރުން ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ މަޝްރޫޢުގެ މަސައްކަތެވެ. 

މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. މިނިސްޓަރގެ އަރިހުގައި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސްގެ އިތުރުން މަސައްކަތާ ޙަވާލުވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވަޑައިގަތެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ޤާއިމުކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް މަރޮށީގައި ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ފިޓްނަސް ސެންޓަރު މަރޮށީގައި އިމާރާތްކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވަޑައިގަތެވެ. 

މަރޮށީގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. ވަޒީރުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގަތެވެ. 

މަރޮށީގައި ފުލުހުންގެ އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރީ އާރުޑީސީއާއެވެ. 

ކައުންސިލް އިދާރާތައް އެޅުމުގެ މަޝްރޫޢުގެ ދަށުން މަރޮށީގައި ވެސް އާ ކައުންސިލް އިދާރާއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މަރޮށީގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރޮށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި، އެރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، މަރޮށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު