ENGLISH
03 ފެބްރުއަރީ 2026
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި
15 އޮކްޓޯބަރު 2025
|
އެންމެ މަޤްބޫލު
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލާގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓް ކޮންޓެއިނާތައް ގެއްލުނުކަން އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ ފާހަގަވި ހިސާބުން އެ ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، އޮކްޓޯބަރު 12 ވަނަ ދުވަހު ފަސް މުވައްޒަފުން އަދި އިތުރު މުވައްޒަފަކު މިއަދު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް އަންނަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
އެމްޕީއެލް އިން ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބުނެފައިވެ އެވެ.
މި ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި މި ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުންފުނިން ފަށާފައިވާކަން ފާހަގަކުރަމެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު ދަނީ މަސައްކަތްކުރަމުންކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައި ވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމެވެ.
މީގެ އިތުުރުން، އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައެވެ. އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާކަން ފާހަގަކުރަމެވެ.
މި މައްސަލައާ ގުޅޭގޮތުން ކުންފުނިން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްޕީއެލް އިން ބުނީ މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން މި ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ޚިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.
މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް މި ކުންފުނިން ފަސްނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ. ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މި ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމެވެ.
މި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް އެމްޕީއެލް އިން ވަނީ ޝުކުރު އަަދާކޮށްފައެވެ.