ENGLISH

15 އޮކްޓޯބަރު 2025

Advertisement

ނަރުދޫގެ ބަނދަރު ފުޅާކުރަން ނިންމައި، ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

15 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަރުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ށ. ނަރުދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެރަށުގެ ނަރުދަމާގެ މައްސަލައާއި ބަނދަރުގެ މައްސަލަ ކަމަށާއި، އެ ދެ މައްސަލަ ހައްލުކުރުމަށް ނަރުދަމާގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށައި، ރައްޔިތުން އެދޭގޮތަށް ބަނދަރު ފުޅާކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަރުދަމާގެ މަސައްކަތް ފެނަކައިން އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށާއި، ހުރިހާ ގޮތަކުން ވާންޖެހޭ ތައްޔާރީތައް ފެނަކައިން މިހާރު ވަމުންދާ ކަމަށެވެ. 

"ނޮވެމްބަރު މަހުގެ ތެރޭގައި ވަރަށް ބާރު ސްޕީޑްގައި ހިނގައިގަންނާނެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހުން ފެށިގެން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މި މައްސަލަ ހައްލުކުރުމަށް ވަރަށް ރަނގަޅަށް މަސައްކަތްތައް ރަށުގަ ހިނގަމުންދާތަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަރުދޫ ބަނދަރު ފުޅާކުރެވެން އޮތް އެންމެ ބޮޑަކަށް ފުޅާކުރުމުގެ ހުއްދަ މިނިސްޓްރީއަށް ދެއްވަވާފައިވާނެ ކަމަށެވެ. މިނިސްޓްރީގެ ފަރާތުން މިހާރު ދަނީ ފަންނީ ގޮތުން ހުރިހާ ކަމެއް ބަލަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރު ތަރައްޤީކުރުމަށް ހުރިހާ ހަރަދެއް ސަރުކާރުން ކުރާނެ ކަމަށާއި، ރައްކާތެރިގޮތުގައި ބަނދަރުގެ ހުރިހާ ކަމެއް ކުރެވިގެން ދިއުން އެއީ ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ. 

"އެހެންވީމަ ހުރިހާ ގޮތަކުން ބަލައި ފުޅާކުރެވޭނެ ބޮޑުކުރެވޭނެ އެންމެ ބޮޑަކަށް ބަނދަރު ދޫކުރުމުގެ ހުއްދަދީފަ މިހާރު އެއޮތީ. އެހެންވީމަ އެކަމުގެ ފަންނީ މަސައްކަތް އެކުރައްވަނީ ސަރުކާރުގެ ކަމާބެހޭ ދެ ވުޒާރާއިން ގުޅިގެން. ދެން ކައުންސިލާ ދާނީ މުއާމަލާތް ކުރަމުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުގައި ބިންގާ އެޅި މަޝްރޫޢުތަކާއި އަލަށް ސޮއިކުރި އެއްބަސްވުންތަކާއެކު، ފަސް މަޝްރޫޢުގެ މަސައްކަތް ވެސް ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދަވާނެ ކަމަށެވެ. 

އެމަނިކުފާނު އެރަށަށް ކޮށްދެއްވާނެ އިތުރު ކަންކަމުގެ ތަފްޞީލު ވެސް ޖަލްސާގައި ހާމަކުރެއްވިއެވެ. އެގޮތުން ނަރުދޫގައި އިމާރާތްކުރާ މަލްޓިޕަރޕަސް ހޯލާއި ހަތަރު ކްލާސްރޫމުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ތެރޭގައި ޙަވާލުކޮށް، މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ނަރުދޫ ފުޓްސަލް ދަނޑު މަރާމާތުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ފުޓްބޯޅަ ދަނޑު ހެދުމަށް މިހާރު ގެޒެޓުގައި އިއުލާނުކުރައްވާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަންނަ އަހަރު ނަރުދޫގައި ހޭންޑްބޯޅަ ކޯޓެއް އަޅުއްވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ. 

ނަރުދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު އިތުރު މުވައްޒަފުން ހޯދައި އަންނަ އަހަރުގެ ތެރޭގައި 16 ގަޑިއިރަށް ޚިދުމަތް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ޗައިނާ ކައުންސިލްގެ ހިލޭ އެހީގެ ދަށުން ރަށްރަށުގައި އިމާރާތްކުރާ ކައުންސިލް އިދާރާ ނަރުދޫގައި ވެސް އިމާރާތްކުރައްވާނެ ކަމަށާއި، އަދި ނަރުދޫން ގޯތި ދޫކުރުމުގެ ކަންކަން ކައުންސިލް ހުށަހަޅާފައިވާގޮތަށް ކުރުމަށް ވުޒާރާތަކަށް ދަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު