ENGLISH
15 އޮކްޓޯބަރު 2025
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ
15 އޮކްޓޯބަރު 2025
|
މޯލްޑިވްސް ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ހާމަވެއްޖެނަމަ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމާއި ގުޅިގެން ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފަ އެވެ.
ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ފެށި ތަހުޤީޤުގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ މިރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރީންނާއި ކަސްޓަމްގެ އިސް މުވައްޒިފެއްގެ އިތުރުން އިތުރު މީހެކެވެ.
ކަސްޓަމްސް އިން މިރޭ ބުނީ މި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ބުނީ މި މައްސަލާގައި އެ މުއައްސަސާގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ހާމަވެއްޖެނަމަ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ފުލުހުން ހިންގާ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.