ENGLISH

15 އޮކްޓޯބަރު 2025

Advertisement

ކޮމަންޑޫ އެއަރޕޯޓް ކުރިއަށް އޮތް 30 މަސްތެރޭ ހުޅުވޭނެ: ރައީސް

14 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަނީ --

ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދެއްވައިފި އެވެ.

މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިއަދު ފެށިފައިވާއިރު، އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ށ. ކޮމަންޑޫއަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި އެހެނިހެން ދާއިރާތަކުން ކުރިއެރުން ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، 2026 ވަނަ އަހަރު، ށ. ކޮމަންޑޫގައި 50 ހައުސިންގް ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާ، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ށ. ކޮމަންޑޫގައި ޑައެލަސިސް ޚިދުމަތް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވައި، ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސްދެއްވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު