ENGLISH
14 އޮކްޓޯބަރު 2025
ރައީސް ފޯކައިދޫއަށް ވަޑައިގަތުން: ގިނަ މަޝްރޫޢުތަކެއް ރައީސް އިޢުލާނު ކުރައްވައިފި
14 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޯކައިދޫގައި ވާހަކަފުޅު ދައްކަވަނީ --
މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އިޢުލާން ކުރައްވައިފި އެވެ.
އެމަނިކުފާނު މި މަޝްރޫޢުތައް އިޢުލާން ކުރައްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، ރަށުގެ ތަރައްޤީއަށް ކުރައްވާނޭ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމާ ގުޅުންހުރި ބައެއް މަޝްރޫޢުތައް ރޭވިފައިވާ ގޮތް އިޢުލާންކުރައްވައި، އޭގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން، މިއަދުގެ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ، ފޯކައިދޫގެ ބޮޑެތި މަގުތައް ހެދުމަށް އިސްކަން ދީގެން މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފޯކައިދޫ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ދާދި އަވަހަށް ރަށުގައި ޤާއިމުވެ ހުންނާނޭ ފިޒީޝަނެއް ހަމަޖައްސަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވައި، އަންނަ އަހަރު، ޞިއްޙީ މަރުކަޒުގެ ބިނާރު ތަރައްޤީކުރުމުގެ މަސަކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް ވިދާޅުވެފަ އެވެ.
ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަންޖެހޭ ވަސީލަތްތައް ޤާއިކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ދަނޑެއް އެރަށުގައި ތަރައްޤީ ކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ތަޢުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަން ވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފަ އެވެ. އަދި އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއް ވެސް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
2024 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ފޯކައިދޫގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުންވެސް ބައެއް މަސައްކަތްތައް މިހާރު ވަނީ ފައްޓަވާފަ އެވެ. އެގޮތުން، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ، ފޯކައިދޫގައި އިމާރާތްކުރާ، ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފަ އެވެ.
މީގެއިތުރުން، ރަށު ރައްޔިތުންނާއި ފަތުރުވެރިންގެ ބޭނުމަށް، މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރައްވާފައިވާ ކަމަށާއި، އެ މަސައްކަތާ އެކުއެކީ، ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އެ ރަށުގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ޢަމަކީ މަސައްކަތް ވެސް ފައްޓަވާފަ އެވެ.