ENGLISH
14 އޮކްޓޯބަރު 2025
ރައީސް ހުންނެވީ ކޮރަޕްޝަން ހުއްޓުވުމުގެ ވަރުގަދަ ޢަޒުމުގައި، ވަކި މީހަކަށް ފިކުރަކަށް ނުބަލާނެ
14 އޮކްޓޯބަރު 2025
|
މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޤައުމާއި މުޚާތަބު ކުރައްވަނީ --
ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުން ވަކި މީހަކަށްވީތީ، ނުވަަތަ ސިޔާސީ ވަކި ފިކުރެއް ގެންގުޅޭތީ ތަފާތެއް ނުކުރެ އެވެ. ނުވަތަ ސަރުކާރާއި ސިޔާސީ ފިކުރު އެއްގޮތްވެގެން އެމީހަކަށް ލުޔެއްވެސް ނުލިބެ އެވެ. އެއީ ފެންނަން އޮތް ޙަޤީޤަތެވެ. އެކަން ސާބިތުވަނީ މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި އެފްއޭއެމްގެ ކުރީގެ ރައީސްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމުންނެވެ. އެ ދެ ބޭފުޅުންނަކީވެސް މި ސަރުކާރާއި ސިޔާސީގޮތުން ހިޔާލު އެއްގޮތް ދެ ބޭފުޅުންނެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސިޔާސަތަކީ ޤާނޫނު ތަންފީޒުކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅުމެވެ. އެއީ ވެރިކަމާއި ހަވާލުވެ، ފުރަތަމަ ދެއްވި ތަޤުރީރުގައިވެސް އެމަނިކުފާނު ވިދާޅުވި ބަސްފުޅެކެވެ.
"އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ!" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވެވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް އެ ދަނީ ކާމިޔާބުކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދުވެލި ބާރު ކުރެއްވުމުގެ ގޮތުން އައު ޤާނޫނުތައް އެކުލަވާލާނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. މިގޮތުން އެސެޓް ރިކަވަރީގެ ޤާނޫނެއް އެކުލަވާލައި، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް ފައްޓަވަން މިހާރު އެ ދަނީ ތައްޔާރު ވަމުންނެވެ.
ބޭނުމަކީ ދައުލަތުން ވައްކަން ކުރުން ހުއްޓުވުމެވެ. އެކަމަށް ކުޑަވެސް ފުރުސަތެއް ލިބޭނެ ހުރިހާ މަގެއް ބަންދު ކުރުމެވެ. އަދި ދައުލަތުން ނުގަވަޢިދުން ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް މަގު ފަހި ކުރުމެވެ. އެ ފައިސާތައް އަނބުރާ ހޯދުމެވެ.
ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުުމުން އެކަމާމެދު ކަންބޮޑުވާނޭ ބަޔަކު ތިބޭކަން ކަށަވަރެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު އެ ދަނީ އެމަންޒަރު ފެންނަމުންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ފެށުމުން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ބަޔަކު ދަނީ ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަންކަމަށް މިއަދު ރައްޔިތުން ވަނީ ހޭލުންތެރިވެފައެވެ.
މީގެކުރިން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުން މަގުމައްޗަށް ނިކުމެ ގޮވާލާ ގޮވާލުންތަކުގެ އަޑު އަހާނެ ބަޔަކު ނެތްކަން ދަނީ ހާމަވަމުންނެވެ. އަދި ރައްޔިތުން ބޭނުންވަނީ ކޮރަޕްޝަންގެ ތުހުމަތު އެޅިފައިވާ މީހުންގެ މައްސަލަތައް ބަލައި، އެމީހުންނަށް ޙައްޤު ލިބެންކަން އެ ރައްޔިތުން ދަނީ ބުނަމުންނެވެ. ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވާ ޔަޤީންކަމަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް އެ މައްސަލަތައް ބައްލަވައި، ކޮރަޕްޝަންގެ ނުބައި އާދައިން މި ޤައުމު ސަލާމަތްކޮށް ދެއްވާނެކަމުގެ ޔަޤީންކަމެވެ.