ENGLISH
03 ފެބްރުއަރީ 2026
މެންބަރު މީކާއިލް މަޖިލީހަށް ފޮނުއްވި ސުވާލުގައި ވެސް ދޮގު، ފަހުން ވެސް ހެއްދެވީ ދޮގު: މިނިސްޓަރ ސަޢީދު
14 އޮކްޓޯބަރު 2025
|
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ސުވާލަށް މިނިސްޓަރ ސަޢީދު ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުގައި ވެސް ވަނީ ދޮގު މަޢުލޫމާތު ކަމަށާއި ފަހުން ކުރެއްވި އެކްސް ޕޯސްޓުގައި ވެސް ވަނީ އޮޅުން އަރާ ގޮތަށް ވާހަކަ ދައްކަވާފައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މީކާއީލް މިއަދު ސުވާލު ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭން ކުރި މަޝްވަރާތަކުގައި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން 24 ޕަސެންޓްގައި ނަގަމުން ދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަކޮށް، މަހުން ނަގާ ޑިއުޓީ އެެއްކޮށް ކަނޑާލުމަށް ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރަން ނިންމާފައިވާ އިރު މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައިތޯ އެވެ؟ އަދި 28 މެއި 2025 ގައި ކުރިއަށް ދިޔަ މޯލްޑިވްސް-ޔޫކޭ ޑަޔަލޮގް ބައްދަލުވުމުގައި މި އެއްބަސްވުމާ ގުޅޭ މަޢުލޫމާތު ހިމަނާފައި ނުވަނީ ކީއްވެތޯ އެވެ؟
މެންބަރު މީކާއީލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރައްވަނީ. --ފޮޓޯ: މަޖިލިސް
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ ދިވެހި ރާއްޖެ އިން އިނގިރޭސިވިލާތާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވުމަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމާ އެކު އޮކްޓޯބަރު 16، 2016 ގަ އެވެ. އެހެންވެ އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2016 ވަނަ އަހަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ވެސް ސައީދެވެ.
މިނިސްޓަރ ވިދާޅުވީ ބްރެކްސިޓްގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސެންޓުގެ ޓެރިފެއް ކަމަށާއި ބްރެކްސިޓަށް ފަހު އެ ގައުމުން މިހާރު ނަގަނީ 20 ޕަސެންޓުގެ ޓެރިފެއް ކަމަށެވެ.
މިއީ ޕްރިފަރެންޝަލް އެއްބަސްވުންތައް ނުހުންނަ ހުރިހާ ގައުމަކަށް ވެސް ޔޫކޭއިން ނަގާ ޢާއްމު ރޭޓެއް ކަމަށެވެ.
"ދިވެހި ސަރުކާރުން ނެގޯޝިއޭޓްކޮށްގެން މިހާތަނަށް ހޯދި ޓެރިފެއް ކަމަށް އިއްޒަތްތެރި މެންބަރު ތިޔަ ވިދާޅުވާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކަފުޅެއް،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ދިވެހި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް 2025 ވަނަ އަހަރު އަމަލުކުރަން ފަށާނެކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދިންކަމުގެ މައުލޫމާތެއް މިނިސްޓްރީ އަަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވެވި އެ އެއްބަސްވުމަށް 2025 ވަނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް ސުވާލުކޮށްފައި ވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން އިއްޒަތްތެރި މެންބަރު ސާފުކޮށް ދެއްވައިފި ނަމަ އެ ސުވާލަށް ޖަވާބު ދޭން ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރގެ މި ޖަވާބަށް ފަހު މެންބަރު މީކާއީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ މިދިޔަ ޖޫން މަހު ފޮނުވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވަނީ އިނގިރޭސި ވިލާތާއި ރާއްޖެ އާއި ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ކުޑަ ރޭޓެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވި އެވެ.
މީކާއީލްގެ މި ޕޯސްޓަށް ރައްދު ދެއްވައި މިނިސްޓަރ ސައީދު ވިދާޅުވީ މެންބަރު އަނެއްކާވެސް ހެއްދެވީ ދޮގެއް ކަމަށާއި އިއްޒަތްތެރި މެންބަރު ކުރެއްވި ސުވާލުގައި ވަނީ ތެދު މަޢުލޫމާތެއް ނޫންކަން ޚުދު އިއްޒަތްތެރި މެންބަރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ސުވާލުގައި ދޮގު މަޢުލޫމާތު ހިމަނާފައި، މަޖިލީސްގައި ޢިއްޒަތްތެރި މެމްބަރު ސުވާލުކުރުމުން، އަޅުގަނޑު ކަންކަން އޮޅުން ފިލާ ގޮތަށް ތެދަށް ޖަވާބު ދިނުމުން ޓްވީޓް ވެސް ތިކުރައްވަނީ އޮޅުން އަރާގޮތަށް! ތިކަން ތިގޮތަށް ތިކުރައްވަނީ މިއަދު މަޖިލީހުގައި ސުވާލުކުރެއްވުމުގައި ޢިއްޒަތްތެރި މެމްބަރު ހައްދަވާފައިވާ އިތުރުފުޅު ފޮރުވުމަށް ޓަކައިކަން ދޭހަވޭ." ރައްދުގައި ސައީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.