ENGLISH
14 އޮކްޓޯބަރު 2025
ފީވަކުން ދޫކޮށްފައިވާ ގޯތިތައް ބޭނުންނުކުރެވޭ މައްސަލައަށް ހައްލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
14 އޮކްޓޯބަރު 2025
|
ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ށ. ފީވަކުން ދޫކޮށްފައިވާ 136 ގޯތީގައި މީހުން ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުން ނައްތާލަން، އެސަރަޙައްދަށް ފަސްއަޅައި ހިއްކައިގެން ރައްޔިތުންނަށް އެ ގޯތިތަކުގެ ބޭނުންހިފޭނެގޮތް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ފީވަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެގޯތިތައް ދޫކޮށްފައި އޮތް ތަނުގައި ޗަކަކޮށް ބިން އޮތުމާއެކު ރައްޔިތުންނަށް އެގޯތިތައް ބޭނުންކުރަން ފަސޭހަނޫން ކަމަށެވެ. އެކަމަށް ހައްލު ގެނައުމަށް އެމްޓީސީސީއާ ވާހަކަދައްކަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެމްޓީސީސީއަށް އަޅުގަނޑު މިއަދު ވާނީ ދަންނަވާފަ އެބޭފުޅުންގެ މެޝިނަރީ ބޭނުންކޮށްގެން އެސަރަޙައްދަށް ފަސްއަޅައިދީ އެތަން ހިއްކަދީ އެތަނަކީ ރައްޔިތުންނަށް ދިރިއުޅެވޭ ތަނަކަށް ހަދައިދިނުމަށް" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެތަނަށް ފަސްއަޅައި ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރާނީ އެރަށުގައި ހިންގާ އިތުރު މަޝްރޫޢުތަކާއެކު ކަމަށެވެ. އެގޮތުން އެމްޓީސީސީން ސްކޫލް އިމާރާތް އެޅުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރާއިރު، ގޯތިތައް ދޫކޮށްފައި ހުރި ތަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވަޞީލަތްތައް ބޭނުންކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފީވަކުގެ އިތުރު މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށު ސްކޫލަށް އިތުރުކުރާ ތިން ފަންގިފިލާގެ އިމާރާތުގެ މަޝްރުޢަކީ ތަޢުލީމީ ޙަޔާތް ފުރިހަމައަށް އަދި އާ އުސްމިނަކަށް ގެންދިއުމުގައި އެރަށަށް މުހިއްމު މަޝްރޫޢަކަށް ވާނެ ކަމަށެވެ. އަދި، އެއީ އެމަނިފާނު އެރަށަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދުކަމަށް ވިދާޅުވިއެވެ.
އުތުރުގެ 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްނުދަނީ ބޭރުގެ ފަންޑެއްގެ ތެރެއިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފީވައް ހިމެނޭހެން އެ މަޝްރޫޢު ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަލްސާގައި އިޢުލާނުކުރެއްވިއެވެ.
ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ހަވާލުވެފައިވާ ކުންފުނީގެ އެއްބަސްވުން ބާޠިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރާނީ އެއްބަސްވުމެއް އޮތްނަމަ އުޞޫލުގެ ތެރެއިން މަސައްކަތް ކުރިއަށްގެންދަން ކަމަށާއި، މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެންދާނަމަ އުޞޫލުގެ ތެރެއިން އެއްބަސްވުން ބާޠިލުކޮށް އިތުރު ބަޔަކާ ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފީވަކުގެ ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ މުހިއްމީ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން ކަމަށާއި، އެކަމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި، ޞިއްޙީ މަރުކަޒު އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމާއެކު، ހެލްތު މިނިސްޓްރީން މިހާރު ކޮންޓްރެކްޓަރާ ވާހަކަދައްކައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭ ބާރު ސްޕީޑުގައި ކުރިއަށްނުދާނަމަ އެއްބަސްވުން ބާޠިލްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ފީވަކުގައި އަލަށް އިމާރާތްކުރާ ސްކޫލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން އެރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވަނީ އަޅައިފައެވެ.