ENGLISH
14 އޮކްޓޯބަރު 2025
ށ، ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން އެމްޓީސީސީ އަށް
14 އޮކްޓޯބަރު 2025
|
ށ.ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
ފޭދޫ މަގުތައް ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 116.9 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ނިންމަން ޖެހޭ މުއްދަތަކީ 570 ދުވަހެވެ.
ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މީގެ އިތުރުން މިއަދު ވަނީ ފޭދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރިކްރޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅައިފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފެވެ.
އަަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފޭދޫ އަށް ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ހޭންޑްބޯލް ކޯޓެއް އެޅުމާއި ފުޓުބޯޅަ ދަނޑުގެ ޓާފް ބަދަލުކުރުމާއި ލައިޓް ޖެހުން އަދި ފުލުހުންގެ މަރުކަޒެއް އެޅުން ހިމެނެ އެވެ.