ENGLISH
14 އޮކްޓޯބަރު 2025
ފީވަކުގައި ތިން ފަންގިފިލާގެ ސްކޫލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައި، އެރަށަށް އިތުރު މަޝްރޫޢުތަކެއް
14 އޮކްޓޯބަރު 2025
|
ފީވަކުގައި އަލަށް އިމާރާތްކުރާ ތިން ފަންގިފިލާގެ ސްކޫލް އިމާރާތުގެ އަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ފީވަކަށް ވަޑައިގެން އެރަށުގައި ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތިން ފަންގިފިލާގެ ސްކޫލް އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ސްކޫލް އާ އިމާރާތުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ޤާއިމުކުރަމުން އަންނަ މުހިއްމު ޚިދުމަތްތަކުގެ މަޝްރޫޢުތައް ވެސް ފީވަކުގައި ވަނީ ފައްޓަވައިދެއްވައިފައެވެ.
ފީވަކުގައި ޤާއިމުކުރާ ސްކޫލް އިމާރާތާ އެކު، އިތުރު ވަޞީލަތްތައް ލިބި ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.
ފީވަކުގައި ފިޓްނަސް ސެންޓަރުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ފީވަކުގައި އިމާރާތްކުރާ ތިން ފަންގިފިލާގެ ސްކޫލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ފީވަކު ސްކޫލް މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގަތެވެ.
ފީވަކުގައި ސަރުކާރުން އަލަށް ފަށާ އިތުރު މަޝްރޫޢުތަކަކީ އެރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމެވެ.
ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ފިޓްނަސް ސެންޓަރު ފީވަކުގައި އިމާރާތްކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ މޭނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ބައިވެރިވަޑައިގަތެވެ.
ފީވަކުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ފީވަކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވަޑައިގަތެވެ.
ފީވަކުގައި އަލަށް ފެށި ތިން މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވެސް އެރަށް ނިސްބަތްވާ މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން މުފީދާއި ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ޙަސަން ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ފީވަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.