ENGLISH
14 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ސްކޫކް ޕޭމަންޓް ދެއްކުމުގައި ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް
13 އޮކްޓޯބަރު 2025
|
އަންނަ އަހަރު ދައްކަން އޮތް ސްކޫކް ޕޭމަންޓް ދެއްކުމުގައި ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ބިލެތްފަހީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަށް ހަވާލުވާން ޖެހުނު އިގްތިސާދު ރަނގަޅުކޮށް ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް މިދަނީ ދައްކަމުން ކަމަށެވެ.
"ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށްގެން އެއަށް ލުއިތައް ގެންނަމުން. މިއަންނަ އަހަރު ދައްކަން އޮތް ސްކޫކް ޕޭމަންޓް ވެސް ބަރާބަރަށް. މި އަންނަ އަހަރުގެ ސްކޫކް ޕޭމަންޓް ކަންތަކުގައި މި ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތް. ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ތަރައްގީ ހާސިލްކޮށްދިނުމަށްޓަކައި ރާއްޖެ ދެރިޔަ ނުދިނުމަށްޓަކައި. އެއްގޮތަކަށް ވެސް ޑިފޯލްޓް ވިޔަ ނުދީ ރާއްޖޭގެ އިގްތިސާދު ފުރިހަމަކޮށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދީ، ރާއްޖޭގެ ހުރިހާ ދާއިރާއެއް ޓޫރިޒަމް އަދި މަސްވެރިކަން ކަމުގައި ވިޔަސް ދަނޑުވެރިކަން ކަމަށް ވިޔަސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކަމަށް ވިޔަސް ކުރިއަރުވައި ރައްޔިތުންނަށް ފައިދާ ލިބޭނެ މަގު ފަހިކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިމަހު 2 ވަނަ ދުވަހު އެމަނިކުފާން އިއުލާންކުރި ގޮތަށް، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ މިދިޔަ ސަރުކާރުން އެކި ފަރާތްތައް ލައްވާ ކުރުވައި ނުދީ ހުރި ފައިސާ އާއި މިދިޔަ ދުވަސްތަކުގައި ދައްކަން ހުރި ފައިސާ ހިމެނޭހެން، މި ފަސް ހަފުތާތެރޭ އަަންނަ ބިލެެއް ފިޔަވައި، ހުރިހާ ބިލެއް ހުރިހާ ފަރާތްތަކަށް ދައްކާ ނިންމަވާނެ ކަމަށެވެ.
ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ގޮތަށް ކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަތުމުގައި އެއްވެސް ކަންބޮޑުވުމެއް އަދުގެ ސަރުކާރަށް ނެތްކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. މި އުސޫލުން ގިނަ ބަދަލުތަކެއް ގެންނަވާ ކަމަށާ، އެ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ މި މަހު ދައްކައިފަ އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.