ENGLISH

14 އޮކްޓޯބަރު 2025

Advertisement

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ފަށައިފި

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިއަދު ފަށައިފިއެވެ.

މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.

މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، އުމުރުން ދުވަސްމީ މީހުންގެ ނިސްބަތް އިތުރުވަމުންދާތީވެ މި ޞަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް އޮކްޓޫބަރު 14 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "މިނިސްޓަރިއަލް ޑެކްލަރޭޝަން އޮން ހެލްދީ އޭޖިންގ ތުރޫ ސްޓްރެންތެންޑް ޕްރައިމަރީ ހެލްތު ކެއަރ" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.

އަދި މި ސަރަޙައްދަށް ޚާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ސަރަހައްދުގެ ހެލްތު އެމަރޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، 2026-2027 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންސްއާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންގެ އުފެއްދުންތަކާ ގުޅޭ ރީޖަނަލް ފްރޭމްވަރކްއާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ މަޝްވަރާތައް ކުރާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް، މިސަރަޙައްދުގެ ޤައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.

މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު