ENGLISH

13 އޮކްޓޯބަރު 2025

Advertisement

ބިލެތްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާ އަދި އެފްއާރުސީގެ އަމަލީ މަސައްކަތް ފަށައިފި

13 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ބިލެތްފަހީގައި ކައުންސިލް އިދާރާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ށ. ބިލެތްފަހީގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުން ޝަރަފްވެރިކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ އެރަށުގައި ބިން ހިއްކައިން އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ. އޭގެފަހުން މުހިއްމު އެހެނިހެން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރު އެރަށުގައި ވަނީ ފައްޓަވައިދެއްވާފައެވެ. 

އެއާޕޯޓުގެ އިތުރުން ޢަމަލީ މަސައްކަތް މިއަދު ފެށި މަޝްރޫޢުތަކަކީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމެވެ. 

ބިލެތްފަހީގައި ފުލުހުންގެ މަރުކަޒާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ބިލެތްފަހީގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. ދެ ރަސްމިއްޔާތުގައި ވެސް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އާއި ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު ބައިވެރިވަޑައިގަތެވެ. 

ބިލެތްފަހީގައި ކައުންސިލް އިދާރާގެ މަސައްކަތް ކުރާނީ އާރުސީސީންނެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ބިލެތްފަހި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޫމަރާއަށެވެ. އޭގެފަހުން ކަނޑިތީމު އަދި ގޮއިދުއަށް ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ނިމިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވައި އާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު