ENGLISH

13 އޮކްޓޯބަރު 2025

Advertisement

ބިލެތްފަހި ބިން ހިއްކައިގެން އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

13 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ބިލެތްފަހި ބިން ހިއްކައިގެން ތަރައްޤީކުރާ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ށ. ބިލެތްފަހީގެ ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށް އެއާޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ބިލެތްފަހީގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމާއި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. 

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުޝާމް ޢަލީ އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. 

ބިލެތްފަހީގައި އެއާޕޯޓެއް އެޅުމަށް ޕްލޭންކުރެވުނު ނަމަވެސް މިދިޔަ ދެ ސަރުކާރަށް ވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ބިލެތްފަހީގައި އެއާޕޯޓު އަޅަން އެންމެ ފުރަތަމަ ވަޢުދުވެވަޑައިގަތީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. އޭގެފަހުން އެމްޑީޕީގެ ވެރިކަމުގައި ވެސް އެމަސައްކަތް ފެށޭތޯ މަސައްކަތްކުރި އެވެ. އެކަމަކު އެއިން އެއްވެސް ކަމެއްގައި އަމަލީ ސިފައެއް ޖެހިފައެއް ނުވެއެވެ. 

ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކެމްޕޭނުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވައުދުވެވަޑައިގެންވި ގޮތަށް އަދި އެރަށު މީހުންގެ އުއްމީދުތަކާ އެއްގޮތަށް ބިލެތްފަހީގައި އެއާޕޯޓް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

ށ. އަތޮޅުގައި އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގައެވެ. އެއާޕޯޓެއް އެޅުމަކީ ބިލެތްފަހީގެ ރައްޔިތުންގެ ޒަމާންވީ އުއްމީދެކެވެ.

އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށް މިއަދު ވަނީ އެރަށުގައި އެއާޕޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު