ENGLISH

13 އޮކްޓޯބަރު 2025

Advertisement

އަންނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ގޮއިދޫ ސްކޫލް ނިންމައިދޭނަން: ރައީސް

13 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ގޮއިދޫ ސްކޫލް ނިންމައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ގޮއިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ޙަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ގޮއިދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފިއެވެ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ޙަވާކުރައްވާނެކަމުގައި ވިދާޅުވިއެވެ. ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ 10 ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ 20 އެނދާއެކު ތަރައްޤީކުރާ ޢިމާރާތެކެވެ.

މީގެ އިތުރުން މިއަދު މިއަދު ސޮއިކުރެވުނު މަސައްކަތްތަކާއި މިއަދު ފެށި ކަންކަން ހިނގަމުންދާނެ ކަމަށާއި މީގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ގޮއިދޫގައި އަޅައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.

ގޮއިދޫގައި މިއަދު ވަނީ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު