ENGLISH
19 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ކޮމިޓީ އަށް އެފްއޭއެމްގެ ރައީސް ޠާރިޤު އައްޔަންކޮށްފި
09 އޮކްޓޯބަރު 2025
|
ފީފާގެ ރައީސް، އިންފަންޓީނޯ (ކ) އާއެކު އެފްއޭއެމްގެ ރައީސް، ޠާރިޤު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިޤު އައްޔަންކޮށްފިއެވެ.
މިއީ ފީފާގެ ސްޓޭންޑިންގ ކޮމިޓީ އަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ އިތުރުން ބޮޑު ޝަރަފެކެވެ.
ޠާރިޤު، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް އައްޔަންކޮށްފައިވަނީ، މި މަހުގެ ދެވަނަ ދުވަހު ބޭއްވުނު ފީފާގެ ކައުންސިލް މީޓިންގައެވެ. މިއާއެކު، 2025 އިން 2029 ގެ ނިޔަލަށް ޠާރިޤު އެ މަޤާމު ފުރުއްވަމުން ގެންދަވާނެ އެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަކީ، އެ އިދާރާގެ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގެ އެ މިންގަނޑުތައް ނަގަހައްޓާ، ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. މި ކޮމިޓީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
ދާދިފަހުން އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ، ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ ވަނީ، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އެފްއޭއެމްގެ ރައީސް ޠާރިޤު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާ އާއި ފުރިހަމަ ވިސްނުމެއް ކަމަށާއި، މިދިޔަ ޖުލައި މަހުގައި އިންތިހާބުވި ފަހުން މިއަދާ ހަމައަށް ކަންކަން ހާސިލްކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ކަމަށް ވިދާޅުވެފައެވެ.