ENGLISH

14 ޖުލައި 2026

Advertisement

އަންހެނުން ބާރުވެރިކުރުވުމަށް 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ކުރަނީ

14 ޖުލައި 2026

|

އައިމިނަތު ޝަފާ

އޯ.އައި.ސީގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަނުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ.

ރަށު ފެންވަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަތޮޅު، ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާ މަސްދަރުތަކާ ގުޅުވައިދޭ 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ހާމަކުރައްވައިފިއެވެ. 

އެކަމަނާ މިކަން ހާމަކުރެއްވީ  ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރުކުރައްވަމުންނެވެ. 

ލީޑާޝިޕާއި ގަވަނަންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިހާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ އަންހެނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން 'ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް' އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ލީޑަރޝިޕް ދައުރުތަކަށް ތައްޔާރުކުރަމުންދާކަން ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ރަށު ފެންވަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަތޮޅު، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާ މަސްދަރުތަކާ ގުޅުވައިދޭ 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ވަޒީރު އިއުލާން ކުރެއްވިއެވެ. އަދި 'މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް' (އެމް.ޖީ.އީ.އެމް) މެދުވެރިކޮށް މުއައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ގައުމީ ރޭވުންތަކާއި ވަސީލަތްތައް ބެހުމުގައި މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރާ ބަޖެޓެއް (ޖީ.އާރް.ބީ) އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.

އަންހެނުންގެ އިގްތިސާދީ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމާއި، އަންހެނުންނަށް ހާއްސަ ލީސިން ފެސިލިޓީގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިއަކަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި އެކި އަތޮޅުތަކުގެ 275 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކަށަވަރުކޮށްދެއްވަމުން، ސިއްހީ ދާއިރާގެ އުސޫލުތައް އިސްލާހުކުރުމާއި، 'އެކު އެކީ' ގެ ނަމުގައި ގެވެށިއަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ޒުވާނުންނަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގެ އިތުރުން ފަނޑިޔާރުންނާއި ކޭސްވޯކަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ބަޔާންކުރެއްވިއެވެ. އަދި މިފަދަ ހައްސާސް މައްސަލަތައް ރިޕޯޓްކުރުމުގައި ގެންގުޅެންޖެހޭ މީޑިއާ ގައިޑްލައިންތައް އެކުލަވާލާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ބަޔާން ނިންމަވާލެއްވީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ވަސީލަތްތަކާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގައި ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވަމުންނެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް އޯ.އައި.ސީގެ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު