ENGLISH
14 ޖުލައި 2026
74 އައިސްޕްލާންޓުން އައިސް ލިބޭނެ، އޭގެ ތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ މިފްކޯއިން: ވަޒީރު ޝިޔާމް
14 ޖުލައި 2026
|
ވަޒީރު ޝިޔާމް މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ
އެންމެ މަޤްބޫލު
މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް މިހާރުވެސް 74 އައިސްޕްލާންޓަކުން މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި މަސްވެރިންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އައިސް ނުލިބުމުގެ މައްސަލަކަމަށެވެ. އެ ސަރުކާރުގައި މިފްކޯއިން ބަލަހައްޓަމުންދިޔަ އައިސްޕްލާންޓުތަށް ފެނަކައިގެ ދަށަށް ބަދަލުކުރުން ވެގެންދިޔައީ މަސްވެރިންނަށް "މުސީބާތެއްގެ" ގޮތުގައި ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރުކާރު ނިމުނުއިރު ރާއްޖޭގައި ހުރި އައިސްޕްލާންޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައިވެސް އޮޕަރޭޝަނުގައި ނެތް ކަމަށް ވިދާޅުވިއެވެ.
އައިހުގެ ދަތިކަމުގެ އިތުރަށް ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖުތަކުގެ ތާށިކަން ހިމެނޭކަމަށާއި މިކަމުގެ ސަބަބުން މޫސުމީ މަސްވެރިކަން ކުރާއިރު މަހަށް ހަމަ އަގު ހޯދައިދިނުމަށް އުނދަގޫވާކަމަށް ވަޒީރު ވިދާޅުވިއެވެެ. މަަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން ދެން ވަޒީރު ފާހަގަކުރެއްވީ މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ނެތުމެވެ.
" މި މައިގަނޑު ތިން މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އެ އޮތީ، އަދި އަޅުގަނޑުމެން މި ދަނީ އެ މެނިފެންސްޓޯ ތަންފީޒުކުރަމުން، މިހާރުވެސް ރާއްޖޭގައި އެބަހުރި 74 އައިސް ޕްލާންޓް، އޭގެ ތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ މިފްކޯއިން، މިފްކޯގެ ހިސާބުތަކުން ދައްކަނީ ރާއްޖޭގައި އެވްރެޖް ގޮތެއްގައި ލޭންޑް ބޭސް އައިސްޕްލާންޓްތަކުން ބޭނުންކުރަނީ ގާތްގަނޑަކަށް މިހާރު މިފްކޯގައި ހުރި ކެޕޭސިޓީގެ ތެރެއިން އަހަރެއްގައި ގާތްގަނޑަކަށް 10 ނޫނީ 12 އިންސައްތަ، އަދަދު މި އަންނަނީ ދަށްވަމުން،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުންކަމަށެވެ. މި މަޝްރޫއު ހިންގި ނަމަވެސް ފަރުމަސްވެރިކަން ދިވެހިންގެ މެދުގައި އާއްމުވަމުން އަންނާތީ އައިސްޕްލާންޓުތައް އެޅުން އެއްކޮށް ހުއްޓާލެވެން ނެތްކަމަށް ވިދާޅުވިއެވެ.
ބ. ކުޑަރިކިލުގައި ގާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތާ ގުޅޭގޮތުން މެންބަރު މައުރޫފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ކުޑަރިކިލުގައި ގާއިމުކުރާ އައިސްޕްލާންޓުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި އައިސްޕްލާންޓް އޮަޕަރޭޝަނަށް ގެންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިފަހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމު ވިދާޅުވެފައިވަނީ މިހާރު ނުވަ އައިސް ޕްލާންޓެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އެއީ ލ.މާބައިދޫ، މ.ވޭވަށް، ޅ.ނައިފަރު، ށ.ކޮމަންޑޫ، މ.މުލަށް، ލ.މާވަށް، ލ.ހިތަދޫ، ހދ.ކުޅުދުއްފުށި އަދި ދ.ހުޅުދެލީގެ އައިސް ޕްލާންޓެވެ. މިއިން ބައެއް ތަންތަނުގެ އަމަަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ތަންތަނުގެ މަސައްކަތުގެ ލިޔެކިޔުމުގެ މަރުހަލާ ކުރިއަށްދަނީއެވެ.
މިތަންތަނުގެ އިތުރަށް ސައުދީ ފަންޑުން ފަސް އައިސް ޕްލާންޓެއް އެޅުމަށް އިއުލާނުކުރެވިފައިވެއެވެ. އަދި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ގއ.މާމެންދޫއާއި ގއ.ވިލިނގިއްޔާއި އެ އަތޮޅު މާމެންދޫގައި މި އަހަރު އައިސް ޕްލާންޓު ގާއިމުކުރަންވަނީ ނިންމާފައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން އުންމީދުކުރާ ގޮތަށް މި އަހަރު ތެރޭގައި މިހުރިހާ އައިސްޕްލާންޓުތަކެއް ގާއިމުކުރެވި ބާޒާރަށް ނެރެވުމުން ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު އައިސް ނުލިބި މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް އެކީ ނިމުމަކަށް ގެނެވޭނެ ކަމަށެވެ.