ENGLISH

14 ޖުލައި 2026

Advertisement

ރައީސް ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

14 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސް މީގެ ކުރިން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކުން އެނބުރި ވަޑައިގެންނެވުން. ފޮޓޯ؛ ރައީސް އޮފީސް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ޤަޠަރުގެ އަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން ދޭ ހާއްސަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

ޤަޠަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ޤަޠަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ. ޤަޠަރުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވިއިރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ޤަޠަރަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު