ENGLISH
05 ޖުލައި 2025
މިދިޔަ ސަރުކާރުން ސޮއިކޮށްފަހުރި ގިނަ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓަކުން ނުފުދޭ: ވަޒީރު
27 ނޮވެމްބަރު 2024
|
ދައުލަތުގެ ބަޖެޓުން ހިންގޭ ވަރަށް ވުރެ ގިނަ މަޝްރޫއުތަކެއްގައި މިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިހާރު ކޮންޓްރެކްޓްކުރެވިފައިވާ މަޝްރޫއުތަކުގެ ތެރެއިން ލ.ހިތަދޫ ކޯޒްވޭއާއި ލ. މާވަށު ބިންހިއްކުމާއި، ކޮންޓްރެކްޓް ނުކުރެވޭ ކުނަހަންދޫއަށް ޚާއްސަކޮށްފައިވާ ޕްރޮޖެކްޓަށް ބަޖެޓުގައި އެލޮކޭޝަން އެބަހުރިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންސްޓްރަކްޝަން މިނިސްޓަރީގައި ހުރި މަޝްރޫއުތަކުގެ އަގު އެކަނި ވެސް 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
"ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެބަހުރި 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކޮށްފައި. މިއީ ދައުލަތުގެ އެއްވެސް ބަޖެޓެއްގެ ތެރެއިން ކުރެވޭނެ އަދަދެއްގެ މަސައްކަތެއް ނޫން. 39 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި ވެސް ނުލިބޭ އަހަރެއްގެ ތެރޭގައި، އެހެންވީމާ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ،" - މިނިސްޓަރ ވިދާޅުވި އެވެ.
މަޝްރޫއުތައް ކުރިއަށް ގެންދާއިރު ދިވެހި ދައުލަތަށް ލިބޭ އާމްދާނީ އާއި ލޯނުތަކުން ލިބޭ ފައިސާއަށް ވެސް ބަލަންޖެހޭ ކަމަށާއި ބައެއް ރަަށްތަކުގެ މަޝްރޫއުތަކަށް ދެލައްކަ ރުފިޔާ ވެސް ޖަހައިފައިވާކަމަށް ފާހަގަކުރެއްވި އެވެ.
"2025 ވަނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފައި އެއޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް، އެހެންވީމާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާ ގޮތަށް،" - މިނިސްޓަރ ވިދާޅުވި އެވެ.