ENGLISH

05 ޖުލައި 2025

Advertisement

އިމާމުން ބޭރަށް ފޮނުވުމާއި މަހާސިންތާތައް ބާއްވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި:ވަޒީރު ޝަހީމް

27 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ހއ، ހދ، ށ، ބ، ޅ، ކ، އއ އަދި އދ އަތޮޅުގެ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް 2024 ފެށުމުގެ ރަސްމިއްޔާތު

އިމާމުން ބޭރަށް ފޮނުވުމާއި، މަހާސިންތާތައް ބޭއްވުމަށް ދައުލަތުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށާއި އެކަން ކުރަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓަކީ އިމާމުން ބޭރަށް ފޮނުވުމާއި މަހާސިންތާތައް ބާއްވަނީ ފައިސާ އިސްރާފު ކުރުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޕޯސްޓެކެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކި މަހާސިންތާތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ ފަރާތްތަކެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. މި ކަންކަމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިއިން އެއްވެސް ކަމަކަށް ދައުލަތުން ޚަރަދެއް ނުކުރެއެވެ.

"އެ ވުޒާރާގެ ފަރާތުން ބާއްވާ އެކި މަހާސިންތާތަކާއި ރާއްޖެއިން ބޭރަށް އެކި ފަރާތްތައް ފޮނުވަމުންދަނީ ބޭރުގެ ހިލޭ އެހީއާއި، ހެޔޮއެދޭ އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީގައި" - ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 އަދި މިއިން އެއްވެސް ކަމަކަށް ދައުލަތުގެ ބަޖެޓުން ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓުން ވެސް ފައިސާ ޚަރަދުކޮށްފައި ނުވާކަމަށް އިތުރަށް ވިދާޅުވިއެވެ

މިއަހަރުގެ ތެރޭގައި ހަ ދާއިރާއަކުން ސިލްސިލާ ގޮތެއްގައި މަހާސިންތާތައް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޙައްޖާއި ޢުމްރާގެ މަހާސިންތާ، އިމާމުންގެ މަހާސިންތާ، ފަތުވާ މަޖިލީހުގެ މަހާސިންތާ، ދީނީ އަދި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ މަހާސިންތާ، އަދި ޢިލްމުވެރިންގެ މަހާސިންތާ ހިމެނެއެވެ. މީގެ އިތުރުން، މި މަހުގެ 28 ވަނަ ދުވަހު ޒަކާތު މަހާސިންތާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރުވެސް މުޅި ރާއްޖޭގައި ވަޤުފްގެ ޢިމާރާތްތައް ތަރައްޤީކޮށް، ބަޖެޓަށް އޮންނަ ބުރަ ކުޑަކޮށް، އަމިއްލައަށް ޚަރަދު ހަމަޖެއްސޭނެ ގޮތްތައް ހެދުމަށް ބޮޑު މަޝްރޫޢެއް ޢިއުލާންކޮށް މަސައްކަތް ވަނީ ފަށާފައެެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މާލީ ޤާބިލުކަން އިތުރުކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމެވެ. މިކަމުގެ ސަބަބުން ވުޒާރާއަށް އަމިއްލަ ގޮތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބި، އިސްލާމީ ކަންކަމަށް އިތުރު ވަސީލަތްތައް ހޯދުމަށް މަގުފަހިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު