ENGLISH
29 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ފުލެޓުތައް ދޫކުރުން، 1273 މީހަކު ސެކިއުރިޓީ ޑިޕޮސިޓު ދައްކައިފި
05 އޮކްޓޯބަރު 2025
|
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފުލެޓުތައް، ފޮޓޯ: ދައުރު
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަަނުން އަޅާފައިވާ 4،000 ހައުސިން ޔުނިޓު ދޫކުރުމަށް ކުރަމުންދާ މަސައްކަަތްތަކުގެ ތެރެއިން ފުލެޓު އެއްބަސްވުން ގާއިމުކުރެވުނު މީހުންގެ ތެރެއިން 1،200 އަށްވުރެ ގިނަ މީހުންގެ ސެކިއުރިޓީ ޑިޕޮސިޓު ދައްކައިފިއެވެ.
އޯގަސްޓު މަހުން ފެށިގެން ފުލެޓު އެއްބަސްވުންތަކުގެ ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ފުލެޓުތަކަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓު ދެއްކުމަށް ހުޅުވައިލީ ފާއިތުވި ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
މިއަދު އެފްޑީސީން ހިއްސާކުރި މައުލޫމާތުތަކަށް ބަލއިރު ފާއިތުވި ބުރާސްފަތިދުވަހާ ހަމަައަށް އެޑްވާންސް ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން އަންގާފައިވަނީ 1،731 މީހުންނަށެވެ. އޭގެ ތެރެއިން 1،273 މީހުން ފައިސާ ދައްކާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޑިޕޮސިޓު ފައިސާ ދެއްކުމަށް އަންގަމުންދަނީ ފުލެޓު ނިމޭ ތަރުތީބުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިހާތަނަށް 3،140 މީހަކާއެކު ފުލެޓު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި 4،000 ފުލެޓުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ ފުލެޓުތަކާައި ތިން ކޮޓަރީގެ ފުލެޓުތަކެވެ. ދެ ކޮޓަރީގެ ފުލެޓުތައް ކުއްޔަށް ދޫކުރަނީ 7،000 ރުފިޔާއަށް އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގަނީ 1،000 ރުފިޔާއެވެ. ތިން ކޮޓަރީގެ ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ކުއްޔަކީ 9،500 ރުފިޔާއެވެ. އަދި މެއިންޓަަނެންސް ފީގެ ގޮތުގައި 1،500 ރުފިޔާ މަހަކު ނަގައެވެ.
ދެ ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ޑިޕޮސިޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15،000 ރުފިޔާއެވެ. ތިން ކޮޓަރީގެ ތަންތަނުގެ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ.
އެފްޑީސީން މިހާރު އަންނަނީ ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސް 14 ވަނަ ޓަވަރުގެ އެޕާޓުމެންޓުތަކުގެ ތަޅުދަނޑިއެވެ.