ENGLISH
19 ޖޫން 2026
2881 ބައިވެރިންނާއެކު އެކެޑަމީގެ އަދަބީ މުބާރާތްތައް ހޮނިހިރު ދުވަހު ފަށަނީ
19 ޖޫން 2026
|
އެންމެ މަޤްބޫލު
2881 ބައިވެރިންނާއެކު ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތައް ހޮނިހިރު ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
އަދަބީ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތެވެ.
އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ފަށާ މުބާރާތްތައް ކުރިއަށް ގެންދަނީ ތިން ދަންފަޅިއަކަށް ބަހާލައިގެން، ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. މި މުބާރާތުގައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި މުބާރާތުގައި ޖުމުލަ 105 ސްކޫލަކުން ވާދަކުރެއެވެ. އެއީ މާލޭ ސަރަހައްދުން 23 ސްކޫލަކާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުން 82 އިސްކޫލެކެވެ.
މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރަކު ބައިވެރި ރަށެއްގައި ތިބެގެން، ކަނޑަ އެޅޭ މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔާނީ ތާޖުއްދީން ސްކޫލުގައެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކުން މުބާރާތުގައި ލިޔާނީ އެ ފަރާތަކުން ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރެވިފައިވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށްގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ސިޓީ ކައުންސިލު ތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާ އެކުގައެވެ. އެ ގޮތުން މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ، ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން، 1185 ބައިވެރިންނެވެ. އަދި ވާހަކަ ލިޔުމުގެ މުބާރާތުގައި 1131 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 565 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތާ އި ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތަށް މި ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެ ގޮތުން މަޒުމޫނު ލިޔުމާއި އަދި ޅެންހެދުމުގެ މުބާރާތުގެ ދާއިރާ ގުރުއަތުލުން މި އަހަރު އޮންނާނީ ވެބް ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލަށް ވަނުމަށް ކޮންމެ މަރުކަޒަކަށް ވަކި ޔޫސަރ ނޭމަކާއި ފާސްބަހެއް ހިއްސާކުރެވޭނެއެވެ. މަޒުމޫނު އަދި ޅެން މުބާރާތުގެ ދާއިރާގެ ގުރުއަތު ނެގުމަށް ފަހު، އެ ބައިވެރިޔަކު ބޭނުން މައުލޫއެއް ޚިޔާރުކުރަން ފުރުސަތު ދެވޭނެއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކުގެ ބައިގެ 18އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރީން ވާހަކަ ލިޔުމަށްޓަކައި މި އަހަރު ހަމަޖެހިފައިވަނީ ދާއިރާތަކަށެވެ. އެ ގޮތުން ލިޔާނެ ދާއިރާ ގުރުއަތުނަގާނީ ވެބް ޕޯޓަލް މެދުވެރިކޮށެވެ. ގުރުއަތުނެގުމަށް ފަހު އެ ދާއިރާއިން އަމިއްލަ މައުލޫއަކަށް ވާހަކަ ލިޔުމުގެ އިޚުތިޔާރު ދެވޭނެއެވ.ެ 18އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރީންގެ ދާއިރާ ގުރުއަތުނެގި ނަމަވެސް ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އެހެން އުމުރުފުރާތަކުގެ ބައިވެރިންގެ ގުރުއަތެއް ނުނަގާނެއެވެ. އެ ބައިވެރިން ވާހަކަ ލިޔާނީ ދިވެހިބަހުގެ އެކެޑަމީން ދީފައިވާ ނަންތަކުގެ ތެރެއިން ނަމަކަށް ނުވަތަ ހާދިސާއަކަށް ނުވަތަ ހާލަތަކަށެވެ.
އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ކުރިއަށްދާ މި މުބާރާތް 90 މަރުކަޒެއްގައި ހިނގަމުންދާނެ ކަމަށާއި މުބާރާތް ހިނގަމުންދާ ގޮތް ބަލަމުންދާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ.