ENGLISH
03 އޮކްޓޯބަރު 2025
ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ރީތިކަމާއި ރީތި އާދަތައް ހިމާޔަތް ކުރަން ރައީސް އިލްތިމާސްކުރައްވައިފި
03 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. --ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަން ރާއްޖޭގައި ތަރައްޤީކުރުމުގައި ރާއްޖޭގެ ރީތި ކަމާއި ދިވެހިންގެ ރީތި އާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް މި ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.
އެމަނިކުފާން މި އިލްތިމާސް ކުރައްވާފައި ވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޞިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފޮނުއްވައިފަ އެވެ. އަދި އެ ފަރާތްތަކަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފަ އެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެވެ. ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ފަށާފައި ވަނީ 1972 ވަނަ އަހަރު އެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްޤީކޮށް، ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
ސެޕްޓެމްބަރު 27 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއްކަން ފާހަގަކުރައްވައި، އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދެއްވައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުންކަމުގައި ވިދާޅުވެފައިވެއެވެ.