ENGLISH

03 އޮކްޓޯބަރު 2025

Advertisement

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައިފި

02 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް --

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އެކަން ހާމަކޮށްފަ އެވެ.

އެ އޮފީހުން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، ޕީޖީ އޮފީހަށް ހުށަހެޅުމަށް 19 ޖަނަވަރީ 2025 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އަދި މި އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު ޕީޖީ އޮފީހާ މަޝްވަރާ ކުރުމަށް މި މަހުގެ އަށްވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު ވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައި ކަަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަތަކުގައި ޕީޖީ އޮފީހުގެ އެހީތެރިކަން 7/24 އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް ވެސް ވަނީ އެކުލަވާލާފައި ކަމަށާ އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު