ENGLISH
03 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް 123 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި
02 އޮކްޓޯބަރު 2025
|
ކުރީގެ އެމްއެމްޕީއާރުސީ އޮފީސް
އޭސީސީއާ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤު ކުރަމުން އަންނަ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ)ގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,732,662.00 (ސަތޭކަ ތޭވީސް މިލިއަން ހަތްސަތޭކަ ތިރީސްދެހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އަނބުރާ ހޯދުމަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން މިއަދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެ ކޮމިޝަނާއި ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލް ހިއްސާކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިވަގުތު 37 ތަޙުޤީޤު ހިންގަމުންދާއިރު، 161 މައްސަލަ އޮތީ ތަޙުޤީޤުކޮށް ނިންމައި ގޮތް ނިންމުމުގެ މަރުޙަލާގައި ކަމަށެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިޔަށްދާ ކަމަށެވެ.
އެމްއެމްފީއާރުސީގެ މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,732,662.00 އަނބުރާ ހޯދުމަށް ކޮމިޝަނުން ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ކޮމިޝަނުގެ ތަޙުޤީޤުތަކުގައި ޢަމަލުކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިން ކަމަށާ ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ޤާނޫނީ ހަމަތަކުގެ މަތީން، ކޮމިޝަނުގެ ފަންނީ ޤާބިލުކަން ތަންދޭ އެންމެ ބޮޑަށް ކަމަށް އެސީސީން ވަނީ ބުނެފަ އެވެ.
އަދި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ޤާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަޙުޤީޤުތައް އަވަސްކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް ދީފައިވެ އެވެ.