ENGLISH

03 އޮކްޓޯބަރު 2025

Advertisement

ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނަން: ރައީސް

02 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ޤައުމީ ފުޓުބޯޅަ ޓީމާއި ބައްދަލު ކުރެއްވުން --

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެ މަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ޚުދު އެމަނިކުފާނުވެސް އެންމެ ޝައުޤުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކުޅިވަރުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ވެސް އެހީތެރިކަން ސަރުކާރުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ރައީސް އޮފީސް

އެގޮތުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތާއި ބިނާރު ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ސައުތު އޭޝިއަން ސުޕަރ ކަޕް 2025، ކާމިޔާބުކުރިކަން ފާހަގަކުރައްވައި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. ރައީސުލްޖުމުހޫރިއްޔާ ވަނީ، ޤައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވައި، އަބަދުވެސް ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު