ENGLISH
28 ޖުލައި 2026
ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމާމެދު އެމްއެންޔޫއާއެކު ސްޓޭޓް ފާމާއިން މަޝްވަރާކޮށްފި
28 ޖުލައި 2026
|
ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމާމެދު ގައުމީ ޔުނިވާސިޓީއާއި ސްޓޭޓްފާމާއިން ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ؛ސްޓޭޓްފާމާ.
އެންމެ މަޤްބޫލު
ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމާމެދު ގައުމީ ޔުނިވާސިޓީއާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ސްޓޭޓްފާމާއިން ބުނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާމަސީތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް ބޭސްފިހާރަތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ގިނަ އަދަދެއްގެ އިއުލާނުތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ހުސްވި މަހު އެކަނިވެސް ބޭސް ފިހާރަތަކަށް ބޭނުންވާ 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކުރިކަން ހާމަކޮށް ކުންފުނިން ބުނީ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ހަމަކުރުމުގެ މަސައްކަތް ފެށުމާއެކު ފާހަގަވެގެންދިޔަ ދިޔަކަމަކީ މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަންކަމަށެވެ.
އެހެންކަމުން ދިވެހި ފާމަސިސްޓުން އިތުރުކުރުމަށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ އިސްވެރިންނާ ބައްދަލުކޮށް، ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާކަމަށް ސްޓޭޓްފާމާ އިން ބުންޏެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ކުދިންނަށް ސްޓޭޓްފާމާއިން ފުރުސަތު ހުޅުވާލުމަށް އެމްއެންޔޫއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މީހުންނަށް ރިފްރެޝާ ކޯސް ހިންގުމަށް ވެސް ނިންމާފައެވެ.
އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ހިދުމަތްދޭން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި މަސައްކަތާއެކު ކުންފުނީގެ މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކުލިބޭނެ މަގު ތަނަވަސްކޮށްދީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.