ENGLISH
28 ޖުލައި 2026
މި ސަރުކާރުން ގާނޫނާ ހިލާފަށް މުވައްޒަަފުން ވަކިނުކުރާނެ، އެއީ އެމްޑީޕީން ޖަހާ ސަކަަރާތެއް: ލަތީފު
28 ޖުލައި 2026
|
ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަަދު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް މުވައްޒަފަަކު ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފށް ވަޒީފާއިން ވަކިނުކުރާނެކަމަށާއި، އެގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެމީހުންނާމެދު އިހާނަތިކޮށް ހިތުމަކީ އެމްޑީޕީއަށް ވެރިކަން ލިބުމުން އެ ޕާޓީގެ ސަރުކާރުތަކުން "ޖަހާ ސަކަރާތެއް"ކަމަށް ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކުންފުނިތައް ރައިޓް-ސައިޒްކުރުމަށްޓަކައި ކުންފުނިތަކަށް ބޭނުންނުވާ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަަކީ ސިޔާސީ ގޮތުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމަށް ކުރާ ކަމެއްކަމަށް ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށްް ބަހުސްކުރައްވަމުން، ލަތީފު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއިރު ރަށްރަށުގެ ކަތީބުންނާއި އަތޮޅު އޮފީސްތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާމެދު ވަރަށް އިހާނަތިކޮށް ކަންކަން ކުރި ކަމަށެވެ.
ލަތީފު ވިދާޅުވީ އައު ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ވެރިކަންކުރަން ލިބުނީ އެމްޑީޕީއަށް ކަމަށާއި، އެ ފުރުސަތުގައި ރަށްރަށުގެ ކަތީބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެހެން ރަށްރަށަށްް ބަދަލުކޮށް، އެ ބޭފުޅުންނާމެދު އިހާނަތިކޮށް އެތައް އަމަލުތަކެއް ހިންގުމަށްފަހު އެއިން ވަރަށް ގިނަ ބޭފުޅުން ވަޒީފާއިން ވަކިކުރި ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފށް ޕްރޮވިންސްތަކަށް ރާއްޖެ ބަހައިލައި، ޕްރޮވިންސް އޮފީސްތައް އުފައްދައި އެތަންތަނަށް މުވައްޒަފުން ބަދަލުކޮށް އަތޮޅު އޮފީސްތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށްވެސް އެތައް ތުރާލެއް ކުރިމަތިކުރި ކަމަށެވެ.
"އާ ގާނޫނުއަސާސީ ވުޖޫދަށް އަައުމަށްފަހު އެމްޑީޕީ ވެރިކަމަށް އައީ. 17 ނުވަތަ 11 ނޮވެންބަރުގައި ވެރިކަމަށް އައިސް އެއިރު ރަށްރަށުގައި ތިބި ކަތީބުން ރަށްރަށަށް ބަދަލުކޮށް އަތޮޅު އޮފީސްތަކުގައި ތިބި ސެކްރެޓަރީން އެހެން ތަންތަނަށް ބަދަލުކޮށް، ބަދަލުކޮށްގެންނުވެގެން ވަޒީފާއިން ވަކިކުރީ. އަމިއްލައަށް ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފށް ޕްރޮވިންސްތައް ހަދައި އެތަންތަނުގައި އޮފީސްތަައް ހަދައި އެތަންތަަނަށް އެމީހުން ބޭނުންވާ މީހުން ބަދަލުކުރަމުންދިޔައީ،" ލަތީފު ވިދާޅުވިއެވެ.
ލަތީފު އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނެތި، ވަޒީފާ އަދާކުރާ އެއްވެސް މީހަކު ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި މަސައްކަތްކުރަނިކޮށް ވަޒީފާއިން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަން ކަމަށެވެ. އަދި މިހާތަނަަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އަމަލުކޮށްފައިވަނީ އެގޮތަށްކަން ފާހަގަކުރެއްވިއެވެ.
އެއާ ހިލާފަށް 2018 އިން 2023 ގެ ނިޔަލަށް ހިނގައިދިޔަ އެމްޑީޕީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރިކަމަށާއި، އެގޮތަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ލިސްޓުތައް ޕީއެންސީގައި ހުންނާނެ ކަމަށް މެންންބަރު ވިދާޅުވިއެވެ. މެންބަރު ފާހަގަކުރެއްވީ އެއިރު ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެއިރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމެވެ.
"އަޅުގަނޑުމެންގެ އިއްޒަަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އެމަނިކުފާނު ކުންފުނިތަކުގެ މިހާރުގެ މުވައްޒަފުންނަށް މިދެއްވަނީ (ފުރުސަތު) ތިން މަސްދުވަހުގެ މުސާރަ ލިބޭ ގޮތަށް ތިން މަހުގެ ތެރޭގައި އެ ބޭފުޅުން ބޭނުންވެއްޖެއްޔާ ވަކިވާން،" ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ނުހައްގުން މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެކަމުގެ ޔަގީންކަން ދެއްވަމުން މެންބަރު ވިދާޅުވިއެވެ.
މެންބަރުވަނީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރެއްގައި އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް މަގުމަތިކުރުމަށްފަހު، އެހެން މީހުންގެ ބޮލުގައި އެ އިލްޒާމު އެޅުވި ނަމަވެސް، އެ ވާހަކައަކީ އެމްޑީޕީއަށް ދެއްކޭނެ ވާހަކައެއް ނޫންކަމަށް ވިދާޅުވުމާއެކު، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ކަންކަން ކުރާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިމުގެ ތެރޭގައިކަން ޔަަގީންކޮށްދެއްވާފައެވެ.