ENGLISH
03 އޮކްޓޯބަރު 2025
ކާބޯތަކެތީގެ ހިދުމަަތް ދޭ ތަންތަނުގެ އިންސްޕެކްޝަނުގައި 70 ތަނެއް ބަންދުކޮށްފި
02 އޮކްޓޯބަރު 2025
|
ހުޅުމާލޭ ކެފޭއެއް ކައިރީ މޭޒާއި ގޮނޑި ޖަހާފައި، ފޮޓޯ: މިހާރު
މާލޭ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައިފާސްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި މާލެ ސިޓީ ކައުންސިލާއި އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފިއެވެ.
މިއަދު އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ހިމެނޭ، މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުއްޓާާއި ގުޅިފަޅުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް ސެޕްޓެންބަރު 21 ވަނަ ދުުވަހުން ފެށިގެން އެކެއް އޮކްޓޯބަރު 2025 ވަނަ ދުވަހާ ހަމައަށް ހިންގި ހާއްސަ އިންސްޕެކްޝަން ނިންމާލާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ މި އިންސްޕެކްޝަނުގައި ޖުމްލަ 1010 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގަމުން އައި ތަންތަނުުގެ އިތުރަށް ހުއްދަ އައުނުކޮށް ހިންގަމުންދިޔަ ތަންތަންވެސް ހިމެނެއެވެ.
މި އިންސްޕެކްޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގަމުން އައި އަދި ރަޖިސްޓްރީގެ މުއްދަތު ހަމަަވުމަށްފަހު ރަޖިސްޓްރީ އައުނުކޮށް ހިންގަމުން އައި ތަންތަން ހިމެނޭހެން 70 ތަނެއް ބަންދުކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އިތުރަށް އެމްއެފްޑީއޭއިން ބުނީ ބަންދުކުރި ތަންތަނުގެ ތެރެއިން 27 ތަނެއްގެ ހުއްދަ އައުކުރުމަށާއި ރަޖިސްޓްރީކުރުމަށް އެދިފައިވާތީ އެތަންތަނަށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލާއި އެމްއެފްޑީއޭގެ އިތުރަށް އެޗްޑީސީން މި އިންސްޕެކްޝަނުގައި ބައިވެރިވިއެވެ. އެމްއެފްޑީއޭއިން އަންނަނީ މާލޭ ސަރަހައްދުގައި ހިންގާ ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓުކޮށް، އެތަންތަނުގައި ފުރިހަމަވާންޖެހޭ ސިއްހީ އަދި ރައްކާތެރިކަމުގެ ކަންކަން ފުރިހަމަވާކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.