ENGLISH
03 އޮކްޓޯބަރު 2025
ގްލޯބަލް ފްލޮޓިއްލާ ހަރަކާތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުންދަނީ ލިބެމުން: އައިއޭސީ
02 އޮކްޓޯބަރު 2025
|
އައިއޭސީގެ އިސް ބައެއް ބޭފުޅުން ފޮރިން މިނިސްޓްރީގައި، ފޮޓޯ: އައިއޭސީ
އިސްރާއީލުން ކަނޑު މަގުން ޣައްޒާ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަަދަނީ ޖަމްއިއްޔާތަކުން އިސްނަގައިގެން ހިންގާ އެންމެ ބޮޑު ހަރަކާތް ކަމުގައިވާ ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓުގެ ހުރިހާ ކަމެއްގައި ސަރުކާރުން އެހީތެރިކަން ދެމުންދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން ބުނެފިއެވެ.
ފްލޮޓިއްލާއަށް އިސްރާއީލުން ހުރަސްއެޅުމާ ގުޅިގެން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އިދިކޮޅު ބައެއް މެންބަރުންވަނީ އެކަށީގެންވާ ގޮތެއްގައި ސަރުކާރުން އެ ހަރަކާތަށް އެހީތެރިކަން ނުދޭކަމަށް ތުހުމަތުކޮށްފައެވެ.
އިސްރާއީލުގެ ހިސޯރާ ދެކޮޅަށް ފެށި މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އައިއޭސީގެ އިސް ބޭފުޅެކެވެ. އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒު ގެންދަވަަނީ އެ ހަރަކާތް ކުރިއަށްދާ ގޮތާއި، އެ ހަރަކާތް ހުއްޓުވުމަށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އަދާހަމަކޮށް ގެނެސްދެއްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ތުހުމަތުތަކެއް އަމާޒުކޮށްފައިވަނިކޮށް އައިއޭސީން މީސްމީޑިޔާގައި ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވަނީ ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓުގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އަދި އެ ހަރަކާތުގައި ޝާޒު ބައިވެރިވެވަޑައިގަތުމާ ގުޅިގެން އޭނާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއާއެކު ފުޅާ ދާއިރާއެއްގަައި މަޝްވަރާކުރެވެމުންދާ ކަމަަށްވެސް އޭއައިސީން ބުނެފައިވެއެވެ. އެ ޖަމްއިއްޔާއިން ބުނެފައިވަނީ އެ ކަންކަން ވަރަށް ކައިރިން ބަލަމުންދާނޭ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި ފްލޮޓިއްލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ލިބިފައިވާ ކަމށާއި، ޝާޒު ހުންނެވި އޮބްޒާވާ ބޯޓަކީ ފްލޮޓިއްލާގެ އެހެން ހުރިހާ ބޯޓެއްގެ ކަންކަން ބަލަހައްޓައި އެހީތެރިވުމަށް ހަރަކާތްތެރިވާ ބޯޓެއްކަމަށާއި، އެއީ ޣައްޒާަށް ވަންނަން ދަތުރުކުރާ ބޯޓެއް ނޫންކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
އަދި އިސްރާއީލު ސިފައިން ފްލޮޓިއްލާގެ ބޯޓުތަކށް އަރައި އިންސްޕެކްޓުކުރަން ފެށުމުން އޮބްޒާވާ ބޯޓުތައް މިހާރު ވަނީ ރައްކާތެރި ހިސާބަކަށް މިސްރާބު ޖަހާފައިކަމަށްވެސް އައިއޭސީން ބުންޏެވެ.