ENGLISH

03 އޮކްޓޯބަރު 2025

Advertisement

ރީ-އެމްޕްލޯއިމެންޓު ނިޒާމު؛ ތަޖުރިބާކާރު ހިދުމަތްތެރިންގެ ހިދުމަތުން ގައުމަށް އިތުރު ރޯޝަންކަން ގެނުވާނެ

02 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްރަށްވެހިންގެ ނާދީގައި، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގާނޫނީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ދައުލަތަށް ހިދުމަތް ކުރެވޭނެ އެންމެ މަތީ އުމުރަކީ 65 އަހަރެވެ. 65 އަހަރު ފުރުމުން މިހާރު އޮތް ނިޒާމުގައި ޖެހެނީ ވަޒީފާއިން ވަކިވާށެވެ. ދުޅަހެޔޮ، ހަށިހެޔޮ އަދި މަސައްކަތްކުރުމުގެ ޝައުގާއި ހުނަރު ހުރި ނަމަވެސް ރިޓަޔާމެންޓަށް ދިއުން ނޫން މަގެއް ނެތެވެ. 

މިދެންނެވި މައްސަލައަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެކި ފަރާތްތަކާ ބައްދަލުކުރެއްވި ބައްދަލުވުންތަަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ފާހަގަކުރެއްވުނު މައްސަލައެކެވެ. ގައިބާރު ހުރި ހިދުމަތްކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން ހުރި ވަރަށް ގިނަ އިސްރަށްވެހިންގެ ޝަކުވާއަކީ އުމުރުން 65 އަހަރު ފުރުނީތީ މަސައްކަތުން އެކަހެރިކޮށް އެއްލައިލިކަމުގެ ޝަކުވާއެވެ. ހިދުމަތް ކުރަން ކިތަންމެ ބޭނުންވިޔަސް، ގާނޫނީ ނިޒާމު އޮތް ގޮތުން ހިދުމަތް ކުރާނެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާއެވެ. 

އެ މައްސަލަ ހައްލުކުރެއްވުމަށް އިންތިހާބުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ ގޮތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓު ބިލުގެ ސަބަބުން ރިޓަޔާކުރާ އުމުރު ހަމަވި ނަމަވެސް ހިދުމަތުގައި ދެމިތިބުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް ވަޒީފާ އަދާކޮށް ދައުލަތަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު ވަރަށް މުހިއްމު އިސްލާހެކެވެ. 

ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއިން ރީ-އެމްޕްލޯއިމެންޓް 

ރީއެމްޕްލޯއިމެންޓު ގާނޫނުތައް ނުވަތަ ރިޓަޔަމެންޓަށްފަހު ވަޒީފާގައި ތިބެވޭ ގާނޫނުތަކަކީ ރިޓަޔަމެންޓުގެ އުމުރު ހަމަވުމަށްފަހު މަސައްކަތުގައި ދެމި ތިބުމަށް ފުރުސަަތު ދޭ ގާނޫނެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މި ގާނޫނުތައް ތަންފީޒުކުރަމުންދާއިރު އެ ގާނޫނުތަކުގެ ތަފުސީލުތަކުގައި ބޮޑެތި ތަފާތުތައް ހުރި ނަމަވެސް މައިގަނޑު ގޮތެއްގައި އެ ގާނޫނުތަކުން ދެ ކަމެއް ހާސިލުކުރެއެވެ. އެއީ؛ ދުވަސްވީ މީހުންނަށް މަސައްކަތުގައި ދެމިތިބެ މާލީ ހަމަޖެހުން ކަށަވަރުކުރާނެ ފުރުސަތު ދިނުމާއި، ދުވަސްވީ މީހުންގެ ނާޖައިޒު ފައިދާ ނެގުމަށް ޖާގަނުދީ އަދުލުވެރިކަމާއެކު އެމީހުންނާމެދު ކަންކަން ކުރެވިގެންދާކަން ކަށަަވަރުކުރުމެވެ. 

ރީއެމްޕްލޯއިމެންޓުގެ އެންމެ ހަރުދަނާ ނިޒާމެއް އޮތް އެ ގައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރުގެ ރިޓަޔަމެންޓު އުމުރުގެ ގޮތުގައި ކުރިން އޮތީ 63 އަހރެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ރީއެމްޕްލޯއިމެންޓު ގާނޫނަށް އަމަލުކުރަން ފެށިއިރު 63 އަހަރުވެ ރިޓަޔާކުރާ މީހުންގެ ތެރެއިން ދުޅަހެޔޮ، އެކަށީގެންވާ ގޮތަށް މަސައްކަތްކުރާ ކޮންމެ މީހަކަށް 68 އަހަރާ ހަމައަށް މަސައްކަތުގައި ދެމިތިބުމުގެ ފުރުސަތު ދިނުން ލާޒިމުކުރިއެވެ. 

ނިސްބަތުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމުކަމަށްވާ ޖަޕާނުގައި 60 އަހަރުން ރިޓަޔާކުރުން ލާޒިމުކުރި ނަމވެސް، މަސައްކަތުގައި ދެމިތިބެން އެދޭ ދުވަސްވީ މީހުންނަށް 70 އަހަރު ފުރުމާ ހަމައަށް މސައްކަތުގައި ދެމިތިބެން ޖާގަ ދޭންޖެހެއެވެ. 

ރީ އެމްޕްލޯއިމެންޓުގެ ނަތީޖާ 

މި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ރީއެމްޕްލޯއިމެންޓު ސިޔާސަތުގެ ދަށުން އިސްރަށްވެހިންނަށް މަސައްކަތުގައި ދެމިތިބުމުގެ ފުރުސަތު ދިނުމުން އިގުތިސާދީ ގޮތުން ފައިދާތަކެއް ލިބެއެވެ. އެއް ފައިދާއަކީ މަސައްކަތްކުރާ މީހުން އިތުރުވެ އިގުތިސާދަށް މީހުން ހިއްސާ ލިބޭ މިންވަރު ބޮޑުވުމެވެ. 

މިސާލަކަށް ސިންގަޕޫރަށް ބަލާނަމަ އެގައުމުގެ 65 އަހަރާއި 69 އަހަރާ ދެމެދުގެ އާބާދީގެ 28 އިންސައްތަ މީހުންނަކީ މަސައްކަތްކުރާ މީހުންނެވެ. އެހެންކަމުން ސިންގަޕޫރުގެ އިސްރަށްވެހިންގެ އާބާދީގެ ވަރަށް ބޮޑު ނިސްބަތެއް އަންނަނީ އެ ގައުމުގެ އިގުތސާދީ ތަރައްގީއަށް ހިއްސާކުރަމުންނެވެ. 

ވޯލްޑް ބޭންކުން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އުމުރުން 55 އަހަރުން މަތީ މީހުންގެ އާބާދީ މަސައްކަތްކުރާ އާބާދީގައި ހިމެނޭ މިންވަރު 5 ޕޮއިންޓު މަތިކުރެވުނަސް ގައުމީ އުފެއްދުންތެރިކަން 0.3 އިންސައްތައާއި 0.5 އިންސައްތައާ ދެމެދުގެ މިންވަރަކުން މަތިވާނެއެވެ. 

ސިންގަޕޫރުގެ އިންސްޓިޓޫޓް އޮފް ޕޮލިސީން އަންދާޒާކުރާ ގޮތުގައި ސިންގަޕޫރުގެ މަސައްކަތްތެރިން ތެރެއިން 55 އަހަރުން މަތީ މަސައްކަތްތެރިން އެ ގައުމުގެ ޖީޑީޕީއަށް އަހަރަކު 7 ބިލިއަނެއްހައި އެމެރިކާ ޑޮލަރު އިތުރުކުރެއެވެ. 

އިތުރު މަންފާއަކަށް ބަލާއިރު ޕެންޝަނަށް ދައުލަތުން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ރިޓަޔަމެންޓަށްފަހު ދުވަސްވީ މީހުން މަސައްކަތުގައި ހޭދަކުރާ ކޮންމެ އަހަރަކީ ޕެންޝަނަށް ދައުލަތުން ކުރާ ހަރަދު ޖީޑީޕީގެ ނިސްބަތުން އެއް އިންސައްތައިން ދަށްވާނެ ކަމެއް ކަމަށް އޯއީސީޑީން 2021 ގައި ހެދި ދިރާސާއަކުން ދައްކައެވެ. 

ރާއްޖެއަށް މުހިއްމު ކަމެއް

ދިވެހިރާއްޖޭގައި އިސްރަށްވެހިންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. ޒުވާނުން ކައިވެނިކުރާ މިންވަރާއި ދަރިން ހޯދާ މިންވަރު ދަށްވަމުންދާއިރު އިސްރަށްވެހިންގެ އާބާދީ އިތުރުވަމުންދާ ދިއުމުން ދަލީލުކުރަނީ ދެ ކަމަކަށެވެ. ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު އެވެރެޖު ދިވެއްސެއްގެ އުމުރު މަތިވެފައިވާ ކަމެވެ. އިސްރަށްވެހިން މުޖުތަމައުގައި އަދާކުރާ ދައުރު އިތުރުކޮށް ފުޅާކުރަންޖެހޭ ކަމެވެ. 

މި ހަގީގަތްތަކުގެ އަލީގައި އިސްރަށްވެހިންގެ ދުޅަަހެޔޮކަމަށް އައި ހެޔޮ ބަދަލާއެކު، ވަރަށް ގިނަ އިސްރަށްވެހިންނަކީ ގައުމީ ހިދުމަތުގައި ދެމިތިބުމަށް ބޭނުންވާ ހަށިހެޔޮ، ދުޅަހެޔޮކަން ހުރި މީހުންނެވެ. އެމީހުންނަކީ ދިވެހި ގައުމުގެ މުއައްސަސީ ހަނދާންތައް ނުވަތަ އިންސްޓިޓޫޝަނަލް މެމޮރީތަކެވެ. އެ މީހުން މަސައްކަތްކުރި ތަންތަން ކުރިއަރައި ފުޅާވެ ބޮޑުވި ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމީހުންނަށެވެ. ގިނަ ދުވަހު ހިދުމަތްކުރީތީ އެތަންތަނަށް އެމީހުންގެ ހިތްތަކުގައި އޮންނަނީ ހާއްސަ ލޯތްބަކާއި ގަދަރެކެވެ. 

ރާއްޖޭގެ ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، ރިޓަޔާކުރާ މީހުން ގިނަވަމުންދާ މިންވަރަކަށް ޕެންޝަނަށް ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. ޕެންޝަނަށް ކުރާ ހަރަދު ބޮޑުވާ އެއް މައްސަލައަކީ ގައިބާރު ހުރި މަސައްކަތްކުރުމުގެ ޝައުގާއި، އެކަމުގެ ބޭނުންތެރިކަން ހުރި މީހުންވެސް ރިޓަޔާކުރުން ލާޒިމުކުރުމެވެ. 

އެތައް އަހަރެއް މަސައްކަތުގައި ހޭދަކޮށް އަދިވެސް މަސައްކަަތުގައި އުޅެން ބޭނުންވާ އިސްރަށްވެހިން އެކަހެރިކޮށް ގަދަކަމުން ރިޓަޔާކުރުވުމުން އެމީހުންނަށް ނަފުސާނީ ގޮތުން ދަތިތައް ކުރިމަތިވެއެވެ. މަސައްކަތް ފިޔަވައި ދިރިއުޅުމުގައި ކުރާނެ މާ ގިނަ ކަންކަން ނެތުމުން ރިޓަޔަކުރުމަށްފަހު ކުރިމަތިލާންޖެހެނީ ހުސްކަމަަކާއެވެ. 

މިދެންނެވުނު ހުރިހާ ކަމެއްގެ އަލީގައި ރީއެމްޕްލޯއިމެންޓު ބިލަކީ ރާއްޖެއަށް މުހިއްމު ބިލެކެވެ. އެބިލުގައި މިހާރު އޮތް ގޮތުން ވަޒީފާ އަދާކުރަމުންދިޔަ ތަނުގައި މަސައްކަތްކުރުންމަތީ ދެމިހުރުމުގެ ފުރުސަތު ރިޓަޔާމެންޓު އުމުރަށް ވާސިލުވުމަށްފަހު މަސައްކަތްކުރަން އެދޭ މީހާއަށް ލިބޭނެއެވެ. އަދި އެބިލި ފާސްވެ ތަސްދީގުކުރުމުގެ ހަތް އަހަރު ކުރިން ރިޓަޔާކޮށްފައިވާ މީހުންނަށް އަނބުރާ މަސައްކަތަށް އައުމުގެ ފުރުސަތުވެސް ލިބޭނެއެވެ. 

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން މަސައްކަތުން އެކަހެރިކުރުމުން ހިތްދަތިކަން ތަހައްމަލުކުރާ އިސްރަށްވެހިންނަށް އަނބުރާ މަސައްކަތަށް ނުކުމެ، މަސައްކަތްކުރުމުން އެ ލިބޭ އުފަލާއި ހިތްހަމަޖެހުން އަލުން ހޯދޭނެއެވެ. ދައުލަތުން ޕެންޝަނަށް ކުރާ ހޭދަ ކުޑަވާނެއެވެ. ގައުމީ އުފެއްދުންތެރިކަން އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު