ENGLISH

29 އޮކްޓޯބަރު 2025

Advertisement

ތާރީޚީ ދުވަހެެއް؛ ރައީސުލްޖުމްހޫރިއްޔާ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފި

01 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާހުކުރުން --

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙު ކޮށްދެއްވައިފި އެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ ގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުރިހަމަ ތަރައްޤީ ޙާޞިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމުގައި ވިދާޅުވެފަ އެވެ. އަދި ޤައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި ޢުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި، ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު