ENGLISH
29 އޮކްޓޯބަރު 2025
ގައުމު ދެކެ ލޯބިވާ ޒުވާނެއް ބިނާކުރުމަކީ، ފަންސާސް ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެ މާ މުހިއްމު މަސައްކަތެއް: ރައީސް
01 އޮކްޓޯބަރު 2025
|
ވަތަނީ ހިދުމަތުގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ސްނެޕްޝޮޓް
ގައުމު ދެކެ ލޯބިވާ ހީވާގި މަސައްކަތްތެރި ޒުވާނެއް ބިނާކުރުމަކީ، 50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެ މާ މުހިއްމު މަސައްކަތެއް ކަމުގައި ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ބޭނުންވާ ހުނަރުވެރިކަން ފޯރުކޮށްދީ ބާރުވެރިކޮށް، ގައުމަށް ލޯބިކުރާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި އެމަނިކުފާނުގެ އިސްނެންގެވުމަށް ފަށާފައިވާ "ވަތަނީ ހިދުމަތް" އިފުތިތާހުކޮށްދެއްވުމަށްފަހު، އެ ހިދުމަތުގެ ދަށުން ހިންގާ ތަމްރީނުތަކުގެ ފުރަތަމަ ބެޗްގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ފެށުނު މަސައްކަތަކީ ގައުމު ދެކެ ލޯބިވާ ހުނަރުވެރި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި އެ ޕްރޮގުރާމުގައި ބައިވެރިވެފައިވާ ހުރިހާ ޒުވާނުންނަށް މަރުހަބާ ވިދާޅުވުމާއެކު، ރައީސް ފާހަގަކުރެއްވީ އެ ޕްރޮގުރާމުގެ ބައިވެރިން ޝާމިލުވީ ވަރަށް މުހިއްމު މަސައްކަތެއްގައި ކަމަށެވެ.
ވަތަނީ ހިދުމަތް ތައާރަފުކުރައްވައި އެ ހިދުމަތުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލުވާނީ، އިސްލާމްދީންދެކެ ލޯބިވާ ގައުމަށް ލޯބިކުރާ އަހުލާގު ރަނގަޅު މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރެވިގެންކަމަށް ގަބޫލުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިހުރިހާ ކުދިންނަށް، ތިހުރިހާ ޒުވާނުންނަަށް ދަންނަވާލަން ބޭނުންވަނީ ތިފައްޓަވާ މަސައްކަތަކީ ޓްރެއިންއަކީ ވަރަށް މުހިއްމު ކަމެކޭ. އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ. މިއީ ތިކުދިންނަށްޓަކައި ކުރެވޭ ކަމެއްކަން ގަބޫލުކުރުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ.،" ރައީސް ވިދާޅުވިއެވެ.
އަދި ރައީސް އިތުރަށް ވިދާޅުވީ އެ ޕްރޮގުރާމުގެ މުދައްރިބުން އެ ޕްރޮގުރާމުގެ ބައިވެރިންނާ ވަރަށް ގާތުން މަސައްކަތްކުރާނެ ކަމަށާއި، މިހާރު ފެށޭ ތަމްރީނު ނިމި، ދެވަނަ މަރުހަލާ ފެށިގެންދާއިރު އެ ޕްރޮގުރާމުގެ ބައިވެރިންވާނީ އުންމީދުކުރި ފަދަ ބާރުވެރިވެފައިވާ ކުދިންތަކަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެވަނަ ފިޔަވައްސަށް ދާއިރުގައި ތިޔަ ޒުވާނުން ވެގެންދާނީ، އަޅުގަނޑުމެން އުންމީދުކުރާ ފަދަ އަދި ތިޔަ ކުދިންވެސް އުންމީދުކުރާ ފަދަަ ބަޔަކަށް. މިހާރަށްވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކޮށް ކުރިއަށްގެންދެވޭ ގޮތަށް އެމްޕަވާ ކުރެވިފައިވާ ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.
"ހަަގީގަތުގައި 25 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެވެސް ގައުމު ދެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ ފަހުރުވެރި ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،"
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއަދު ފެށުނު "ވަތަނީ ހިދުމަތަކީ" ރާއްޖޭގެ ތަރައްގީގައި ފެށިގެންދާ މުޅިން އައު ސަފުހާއެކެވެ.
އަދި އެ ޕްރޮގުރާމުގެ ބައިވެރިން ތަމްރީނު ކުރިއަށްދާ މަރުކަޒަށް އައުމަށްފަހު ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތުން ގައުމުގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމުގެ މައްޗަށް ދަލީލުކުރާކން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އަލަށް ފަށާ ބެޗުތަކާއެކު 5،000 ކުދިން އެ ތަމްރީނު ފުރިހަމަކުރުން ކަމަށެވެ.
މިއަދު ފެށުނު ގައުމީ ހިދުމަތަކީ މަސައްކަތްތެރި ހުނަރުވެރި ގައުމަށް ވަފާތެރި ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ރައީސްގެ އިސްނެންގެވުމަށް ފެށުނު ހަރަކާތެކެވެ. އެ ހަރަކާތުގެ ފުރަތަމަ މަރުހަލާގައި އަސާސީ ތަމްރީނު ފުރިހަމަކުރުމަށް 300 އަށްވުރެ ގިނަ ޒުވާނުން އެ ޕްރޮގުރާމުގައި ބައިވެރިވެފައިވެއެވެ. އެ މަރުހަލާ ނިމުމުން ދެން އޮންނާނީ ފަންނީ ތަމްރީނު ފޯރުކޮށްދިނުމުގެ މަރުހަލާއެވެ.
އަދި ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި ވަތަަނީ ހިދުމަތުގެ ގާނޫނެއް ތައާރަފުކޮށް އެ ގާނޫނުގެ ތެރެއިން މި ހިދުމަތް ފުޅާކުރުމެވެ.