ENGLISH
29 އޮކްޓޯބަރު 2025
އުސޫލާ ހިލާފަށް ވެމްކޯއިން ކުރީ ވެރިކަމުގައި ކުރި ހަރަދުތަކެއްގެ މައްސަލަ ބަލައިދޭން އެދިއްޖެ
01 އޮކްޓޯބަރު 2025
|
ވެމްކޯއަށް ބޭނުންވާ ބައެއް އުޅަނދުތައް ގެނައުމުގައި ނުގަވާއިދުން ފައިސާ ދޫކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފި،
އުސޫލާ ހިލާފަށް ވެމްކޯ ތެރެއިން ކުރީ ސަރުކާރުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލަ ބަލައިދިނުން އެދި އެ ކުންފުނިން ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފިއެވެ.
ވެމްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ހުށަހެޅި މައްސަލައަކީ 10 ޑަމްޕު ޓްރަކާއި، ލޭންޑިން ކްރާފްޓު ހޯދުމަށް ދިވެހި ކުންފުންޏަކާއެކު 2021 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، އެ ތަކެތި ވެމްކޯއަށް ނުލިބެނީސް ފައިސާ ދޫކުރި މައްސަލައެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން ތަކެތި ވެމްކޯއަށް ފޯރުކޮށްދޭންޖެހޭ މުއްދަތު ފަހަނައަޅައި 2023 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށްވެސް އެ މަސައްކަތް ހަވާލުކުރި ކުންފުނިން ތަކެތި ފޯރުކޮށްނުދޭ ކަމަށެވެ.
އެ ތަކެތި ފޯރުކޮށްދިނުން އެއްބަސްވި މުއްދަތަށްވުރެ ލަސްވިއިރު، އެއްބަސްވުން އެކުލަވައިލާފައި އޮތީ އެއްބަސްވާ މުއްދަތުގައި މުދާ ފޯރުކޮށްނުދެވި ކުންފުންޏަށް ގެއްލުންވިޔަސް، އެ ގެއްލުމުގެ ބަދަލު ހޯދޭ ގޮތަކަށް ނޫން ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މުދާ ފޯރުކޮށްދޭންޖެހޭ މުއްދަތުގައި ވެމްކޯއަށް އެތަކެތި ލިބިފައި ނުވާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އަދި އިތުރަށް 4.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނެވެ. އަދި އެ ފައިސާ ހޯދަން އެއްވެސް ކަމެއް އެ ކުންފުނިން ކުރިން ކޮށްފައިވެސް ނެތެވެ.
އޭގެ އިތުރަށް ޖަނަވަރީ 1، 2021 އިން ފެށިގެން ޑިސެންބަރު 31، 2022 ވަނަ ދުވަހުގެ ނިޔަލަށް ވެމްކޯއިން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 231 މުއާމަލާތެއް ބަލައި ދިރާސާކުރިއިރު، އެިއން ހަ މިލިއަން ރުފިޔާގެ މުއާމަަލާތް ހިންގާފައިވަނީ ކުންފުންޏަށް ފޯރުކޮށްދޭން ހަވާލުކުރި މުދާ ކުންފުންޏަށް ލިބުނުކަން ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިޔުން ނެތިކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
އޭގެ އިތުރަށް ތަރޑް ޕާޓީ އައުޓްލެޓްތަކާއި ވެމްކޯގެ މެދުގައި ކުރެވުނު މުއާމަލާތްތައް ރަނގަޅަށް ބަލަހައްޓާފައިނުވާއިރު، އެ އައުޓްލެޓްތަކުން ނުދައްކައި ހުރި ފައިސާގެ ހިސާބުކިތާބު ބަލަހައްޓަމުން އައީ އެކްސެލް ޝީޓެއްގައި މެނުއަލްކޮށެވެ. އަދި ތަރޑް ޕާޓީ އައުޓްލެޓުތަކުން ލިބެންޖެހޭ ފައިސާ ރެކޯޑު ބެލެހެއްޓޭނެ އިންތިޒަމު ފައިނޭންޝަލް މެނޭޖުމެންޓު ސިސްޓަމުގައި ހަމަޖައްސާފައިނުވެއެވެ.
އަދި ކުންފުނީގެ މާލީ ސިޔާސަތުގައި ވޯކިން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނެ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެނިހެން ބައެއް ހާލަތްތަކުގައި ވޯކިން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވަކަން ފާހަގަކުރެވުނު ކަމަށްވެސް އެ ކުންފުނިންބ ބުނެއެވެ.
ވެމްކޯއިން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ވީހާވެސް ދެ ފުށް ފެންނަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަމުގެ މައުލޫމާތު ހާމަކުރުމަށެވެ. އަދި މި މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިިތުރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.