ENGLISH

29 އޮކްޓޯބަރު 2025

Advertisement

ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %12.6 އިތުރުވެއްޖެ

01 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ، ފޮޓޯ: މިހާރު

ފާއިތުވި ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 12.6 އިންސައްތަ އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ސެޕްޓެންބަރު މަހު އެއްވަނަ ދުވަހުން ފެށިގެން 30 ސެޕްޓެންބަރު ދުވަހާ ހަމައަށް 149،563 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ނިމުނު 2024 ވަނަ އަހަރު ރާއްޖެއަށް އައީ 132،795 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް އައީ 130،967 ފަތުރުވެރިންނެވެ. 

ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 12.6 އިންސައްތަ އިތުރުވިއިރު، އެވެރެޖުކޮށް އެ މަހުގެ ކޮންމެ ދުވަހކު 4،985 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،636،489 (އެއް މިލިއަން ހަލައްކަ ތިރީސް ހަހާސް ހަތަރު ސަތޭކަ އަށްޑިހަ ނުވަ) ފަތުރުވެރިން ރާއްޖެއށް ޒިޔާރްކުރިއެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ޗައިނާއިންނެވެ. އެ ގައުމުން 263،599 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 198،617 ފަތުރުވެރިންނެވެ. 

ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ 73.6 އިންސައްތަ ކަމުގައިވާ 1،203،865 (އެއް މިލިއަަން ދެލައްކަ ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ފަސް) ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. ގެސްޓު ހައުސްތަކަށް 355،389 ފަތުރުވެރިން އައިއިރު، ސަފާރީ އުޅަނދުފަހަރުތަކަށް 33،670 ފަތުރުވެރިން އައިސްފައިވެއެވެ. ހޮޓާތަކަަށް އެ މުއްދަތުގައި އައިސްފައިވަނީ 33،670 ފަތުރުވެރިންނެވެ. 

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް 64،758 އެނދު އޮޕަރޭޓުކުރަމުންދެއެވެ. އެއީ ރިސޯޓުތަކުގައި އޮޕަރޭޓުކުރާ 43،247 އެނދާއި، ހޮޓާތަކުގައި އޮޕަރޭޓުކުރާ 2،484 އެނދާއި، ގެސްޓުހައުސްތަކުގައި އޮަޕަރޭޓުކުރާ 15،798 އެނދުގެ އިތުރަށް ސަފާރީ އުޅަނދުފަހަރުގައި އޮޕަރޭޓުކުރާ 3،229 އެނދެވެ. 

ކިޔުންތެރިންގެ ހިޔާލު