ENGLISH
29 އޮކްޓޯބަރު 2025
ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ތެރެއިން ހިނގާ ކޮރަޕްޝަން ހުއްޓުވަން އިންޓާނަލް އޮޑިޓު ހަރުދަނާކުރަންޖެހޭ: ނައިބުރައީސް
01 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު، ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ތެރެއިން ހިނގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވައި، އެތަންތަނަަށް އޮންނަ ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ އިންޓާނަލް އޮޑިޓު ނިޒާމުތައް ހަރުދަނާކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވިދާޅުވީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށް ރާއްޖޭގައިވެސް ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރެވިފައިވާ ކަމުގައި ނައިބުރައީސް ވިދާޅުވިއެވެ.
އެގޮތުން ނައިބުރައީސް ފާހަގަކުރެއްވީ 2006 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން، ދައުލަތުގެ ފައިސާއާއި، ޕަބްލިކް އެކައުންޓުތަކާއި، ފަންޑުތައް ބަަލަހައްޓައި، ދައުލަތުގެ ބަޖެޓު އެކުލަވައިލާ އެ ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ނިޒާމުތައް އެކަށައެޅިގެން ގޮސްފަައިވާ ކަމަށެވެ. އަދި އެ ނިޒާމުގެ ތެރޭގައި އޮޑިޓު ކުރެވޭނެ ގޮތްތައްވެސް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ނިޒާމުގައި ގާއިމުކުރެވިފައިވާ އޮޑިޓުގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދެވެނީ އެ މަސައްކަތްކުރުމުގައި އުޅުއްވާ ބޭފުޅުންގެ ފަންނީ ގާބިލުކަން އިތުރުވެގެން ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ. މިނިޒާމަށް މިއަދު ދިމާވެފައިވާ ހިރާސްތަކަކީ ކޮބައިކަން ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް އެހީވެދޭ ބަޔަކަށްވުމަށް އިންޓަރނަލް އޮޑިޓަރުން އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
""ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރު ލިބި ރައްޔިތުންނަށް މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީވެސް އިންޓަރނަލް އޮޑިޓް ހަރުދަނާކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ އޮޑިޓަރުން ދެއްވާ އިރުޝާދުތަކާ ލަފާތައް ތަންފީޒުކުރެވިގެން. އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކާއި، އާންމުންކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓަރނަލް އޮޑިޓަރުން އަދާކުރޭ.،" ނައިބުރައީސް ވިދާޅުވިއެވެ.
އިތުރަށް ނައިބުރައީސް ވިދާޅުވީ އިންޓަރނަލް އޮޑިޓަރުންނަށް ނިޒާމުގެ ތެރެއިން ކުރިމަތިވާ އެކި ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށް، ނިޒާމުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކާއި ހިރާސްތައް ކުޑަކޮށް އިތުރަށް މަސައްކަތަށް މަގުފަހިކޮށްދޭން ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްވަނީ 2026 އިން 2028އަށް އެކުލަވާލެވިފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި، ސްޓޭޓް އިންޓަރނަލް ކޮމިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވާފައެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ މިއީ މާލީ އިދާރާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރެވި އިޤްތިސާދަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވުމުގެ އިތުރުން ސަރުކާރުން ކަނޑަައަޅާފައިވާ ލަނޑު ދަނޑިތައް ހާސިލްވުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަމަށެވެ.