ENGLISH

30 އޮކްޓޯބަރު 2025

Advertisement

މުދާ އުފުލަން އުޅަނދު ހޯދުމުގެ ނަމުގައި ފެނަކައިގެ ތެރެއިން ހިންގި ބޮޑު ކޮރަޕްޝަން

01 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދާއި، ރައީސް ސޯލިހު، ފޮޓޯ: ސަންގު

ފެނަކައަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މިފަދަ މުހިއްމު އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާއިރު، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ބާވަަތުގެ މުދާ ރަށްރަށަށް ގެންދަންޖެހެއެވެ. ހާއްސަކޮށް މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބިނާރުތަކާއި އެހެނިހެން ވަސީލަތްތައް އަދާހަމަކޮށް އިތުރަށް ތަރައްގީކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމުން އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުދާ އަބަދުހެން ރަށްރަށަށް ގެންދަންޖެހެއެވެ. 

އެހެންކަމުން ފެނަކައިގެ އެކި ކަންކަމަށް ބޭނުންވާ މުދާ ރާއްޖޭގެ ރަށްރަށަށް ފޮނުވުމަށް އަބަދުވެސް އުޅަނދުފަހަރު ކުއްޔަށް ނަގަންޖެހެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އުޅަނދުފަހަރު ކުއްޔަށް ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފިނަމަ އެކަމުގެ ތެރެއިން ވަރަށް ބޮޑެތި ނާޖައިޒު މަންފާތައް ހޯދިދާނެއެވެ. 

އޮޑިޓަރ ޖެނެރަލް އޮފީހުން އާއްމުކޮށްފައިވާ ފެނަަކައިގެ ޕްރޮކިއުމެންޓާއި މާލީ ހާލަތާ ގުޅޭ އޮޑިޓު ރިޕޯޓުން ފެންނަަނީ މިދެންނެވި ގޮތަށް ފެނަކައިގެ މަސައްކަތްތަކަަށް ބޭނުންވާ މުދާ ރަށްރަށަށް ގެންދިއުމަށް އުޅަނދުފަހަރު ކުއްޔަަށް ނެގުމުގެ ނަމުގައި އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ހިންގާފައިވާ ހިޔާނާތާއި ވައްކަމެވެ. 

މުދާ އުފުލަން ހަވާލުކުރީ މާކެޓު އަގަށްވުރެ ބޮޑު އަގުގައި 

އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމަށް އެކި ފަރާތްތަކާއެކު 612 އެއްބަސްވުމެއް 2021 ވަނަ  އަހަރާއި 2023 ވަނަ އަހަަރުގެ މެދުގައި ފެނަކައިން ހަދާފައިވެއެވެ. މުދާ އުފުލާ ދޯނިފަހަރާއި، ލޭންޑިން ކްރާފްޓު ކުއްޔަށް ނެގުމަށް ހެދި މި އެއްބަސްވުންތައް ހެދީ މުދާ އަރުވައިބޭލުމާއި މަސައްކަތް ހިނގާ ސައިޓްތަކާ ހަމައަށް މުދާ ގެންގޮސްދިނުމުގެ އަގުވެސް އެއްބަސްވުންތަކުގައި ހިމަނައިގެންނެވެ. 

މި އެއްބަސްވުންތަކުގެ ދަށުން މުދާ އުފުލުމަށް ޖުމްލަ 191،602،363 _(ސަތޭކަ ނުވަދިހަ އެއް މިލިއަން ހަލައްކަ ދެހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ) ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރިއެވެ. އެއީ މުދާ އުފުލާ ދޯނި ކުއްޔަށް ނެގުމަށް ހެދި 497 އެއްބަސްވުމުގެ ދަށޫން 146،782،725 (ސަތޭކަ ސާޅީސްހަ މިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް ހަތްސަަތޭކަ ފަންސަވީސް) ރުފިޔާއާއި ލޭންޑިން ކްރާފްޓު ކުއްޔަށް ނެގުމަށް ހެދި 115 އެއްބަސްވުމެއްގެ ތެރެއިން 45،480،038 (ސާޅީސްފަސް މިލިއަން ހަތަރުލައްކަ އަށްޑިހަ ހާސް ތިރީސް އަށް) ރުފިޔާއެވެ. 

އޮޑިޓު އޮފީހުން ބުނެފައިވަނީ އޮޑިޓުގެ ބޭނުމަށް ޗެކުކުރި 612 އެއްބަސްވުމުގެ ތެރެއިން 407 އެއްބަސްވުމުގެ އަގަކީ މާކެޓުގެ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުތަކެއް ކަމަަށެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން މާކެޓުގެ އަގަށްވުރެ އިތުރަށް 47،546،407 (ސަާޅީސް ހަތްމިލިއަން ފަސްލައްކަ ސާޅީސް ހަހާސް ހަތަރުސަތޭކަ ހަތް) ރުފިޔާ މަސައްކަތުގެ އަގަށް އިތުރުކޮށްފަައިވާ ކަމަަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. 

ބައެއް މިސާލުތަކަށް ބަލާއިރު، އައްޑޫއަށް 90،000 ރުފިޔާއާއި 140،000 ރުފިޔާއާ ދެމެދުގެ އަގަކަށް މުދާ އުފުލައިދެމުންދިޔައިރު، ފެނަކައިން މުދާ އައްޑޫއަށް މުދާ އުފުލަން ހަވާލުކުރީ  495،000 ރުފިޔާއަށެވެ. ގދ.ތިނަދޫއަށް 80،000 ރުފިޔާއާއި 120،000 ރުފިޔާއާ ދެމެދުގެ އަގެއްގައި މުދާ އުފުލޭއިރު ފެނަކައިން އެ މަސައްކަަތް ހަވާލުކުރީ 450،000 ރުފިޔާއަށެވެ. 

ރަނގަޅު އަގެއް ހޯދަން ނުވެސް އުޅޭ 

އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފެނަކައިގެ މުދާ އުފުލާ އުޅަނދުފަހަރު ކުއްޔަށް ނަގާފައިވަނީ ރަނގަޅު އަގު ހޯދުމަށް މަސައްކަތް ނުކޮށެވެ. ބީލަމަށް ހުޅުވައިނުލައި ދެތިން ކުންފުނިން ކޯޓޭޝަން ހޯދައިގެން މަސައްކަތް ހަވާލުކުރުމުގެ ސަބަބުން މާކެޓުގައި އެއަށްވުރެ ހެޔޮ އަގުގައި ކުރެވެން ހުރި އެތައް ކަމެއް ބޮޑު އަގުގައި ކުރިކަން އޮޑިޓު ރިޕޯޓުން ފާހަގަކުރެވޭއިރު، މުދާ އުފުލާ އުޅަނދުފަހަރު ކުއްޔަށް ނެގީވެސް އެގޮތަށެވެ. ބިޑެއް ނުކުރެއެވެ. ކޯޓޭޝަން ހޯދީ ވަކި ކުންފުނިތަކެއްގެ އަތުންނެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރަށްރަށަށް މުދާ ފޯރުކޮށްދިނުމަކީ އަވަަހަށް ކުރަންޖެހޭ މަސައްކަތަކަށްވާތީ، އަވަސް ގޮތެއްގައި އަގު ހުށަހެޅުމުގެ ފުރުސަތު މަސައްކަތްކުރާ ފަރާތްތަކަށް ލިބޭނެ ގޮތަށް ވެންޑާސް ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމެނޭ ވެންޑަރުންނަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިނަމަ، ރަނގަޅު އަގުތަކެއް ހޯދުމުގެ ފުރުސަތު ފެނަކައަށް އޮތީސްކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

މުދާ އުފުލާ އުޅަނދު ނެތް ފަރާތަަކަށް މުދާ އުފުލައިދޭން 105 މިލިއަން ރުފިޔާ

މުދާ އުފުލުމުގެ މަސައްކަތް ހަވާލުކުރުމުގައި ފެނަކައިން ބަލައިލާފައިނުވާ މިންވަރަަކީ މިފަދަަ އުޅަނދުފަހަރު ނުވެސް ގެންގުޅޭ ފަރާތަކަށް މުދާ އުފުލުމުގެ މަސައްކަތް ހަވާލުކުރުމެވެ. އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި މުދާ އުފުލަން ފެނަކައިން ހަވާލުކުރި ފަރާތްތަކުގެ ތެރޭގައި، އެ ފަރާތްތަކުގެ ނަމުގައި މުދާ އުފުލާ އުޅަނދެއް ރަޖިސްޓްރީކޮށްފައި ނުވެސް ނެތް ފަރާތްތައް ހިމެނެއެވެ. 

އެގޮތުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާދެމެދު މުދާ އުފުލަން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން އޮޑިޓުގެ ބޭނުމަށް ދިރާސާކުރި 30 ފަރާތުގެ ތެރެއިން 14 ފަރާތަކީ އެ ފަރާތްތަކުގެ ނަމުގައި މުދާ އުފުލާ އުޅަނދެއް ރަޖިސްޓްރީކޮށްފައި ނެތް ފަރާތްތަކެވެ. ނަމަވެސް މި ފަރާތްތަކަަށް މުދާ އުފުލުމުގެ އަގެއްގެ ގޮތުގައ 105،401،376 (ސަަތޭކަ ފަސްމިލިއަން ހަތަރުލައްކަ އެއްހާސް ތިންސަތޭކަ ހަތްދިހަ ހަ) ރުފިޔާ ދިނެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މުދާ އުފުލާ އުޅަނދު ގެންގުޅޭ ފަރާތްތަކާ މަސައްކަތް ހަވާލުނުކޮށް ތިންވަނަ ފަރާތަކާ ހަވާލުކުރުމުން އުޅަނދު ގެންގުޅޭ ފަރާތްތަކުން ނެގި އަގުގެ އިތުރަށް އެ ތިންވަނަ ފަރާތުން ނަގާ އަގު މަސައްކަތުގެ އަގަަށް އިތުރުކޮށް، އަގު އެތައް ގުނައެއް ބޮޑުކުރުމުގެ ފުރުސަތު އޮތްކަމަށެވެ. 

ފެނަކައިގެ ޕްރޮކިއުމެންޓު ހާލަތަށް ބަލާއިރު އެކި ފަރާތްތަކާ ގިނަ އަދަދެއްގެ މަސައްކަތް ހަވާލުކޮށްފައި ހުރީ ބީލަމަށް ނުލައެވެ. މަސައްކަތްތައް ހަވާލުކުރުމަށްފަހު އަދި މަސައްކަތް ކުރުވުމަށްފަހު، ވަކި ބަޔަކަށް ފައިސާ ދޫކުރަމުންދިޔައިރު ބާކީ ތިބި ކުންފުނިތަކާއި ފަރުދުންނަށް ފައިސާ ދޫނުކޮށް ހިފަހެއްޓިއެވެ. ގިނަ މަސައްކަަތްތަކުގެ އަގުތައް ހުރީ ބާޒާރުގެ އަގަށްވުރެ ބޮޑުކޮށެވެ. މިއީ މިފަހަރުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެެއް ހިޔާނާތެވެ. 

ކިޔުންތެރިންގެ ހިޔާލު