ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފުރަތަމަ ފަހަރަށް އައިޖީއެމްއެޗްގައި އޮކްސިޕިޓޯ-ސަރވިކަލް ފިއުޝަން ސާޖަރީއެއް ހަދައިފި

01 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އައިޖީއެމްއެޗްގައި ހެދި އޮކްސިޕިޓޯ-ސަރވިކަލް ފިއުޝަން ސާޖަރީގެ ތެރެއިން، ފޮޓޯ: އައިޖީއެމްއެޗް

އެންޑޯސްކޮޕިކް ސަޕައން ސާޖަރީ ނުވަތަ މައިބަދައަށް ކެމެރާ ލައްވައިގެން ހަދާ ސާޖަރީއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކާމިޔާބުކަމާއެކު ހަދައިފިއެވެ. 

އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓުމެންޓުން ހެދި މި ސާޖަރަީއަކީ މައިބަދައިގެ ޑިސްކު ސްލިޕުވުމާއި، ނާރު ފިތުމާއި އެނޫންވެސް އެކި މައްސަލަތަކާ ހުރެ ބުރަކަށީގައި ރިއްސާ ރިހުންތަކަށް ފަރުވާދިނުމަށް ހަދާ ސާޖަރީއެކެވެ. 

މި އޮޕަރޭޝަން ހަދަނީ މައިބަދައާ ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެން އެ ލޯވަޅުން ކުޑަ ހޮޅިއެއް ވައްދައި ހޮޅީގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެހެނިހެން އާލާތްތަައް މައިބަދައިގެ ތެރެއަށް ފޮނުވައިގެން އެ އާލާތްތައް ބޭނުންކޮށްގެންނެވެ. 

މިގޮތަށް ކުރާ އޮޕަރޭޝަންތަކުގައި އާއްމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކަށްފަހު އަޅާ ވޭނަށްވުރެ ވޭން ކުޑަވުމާއި، އޮޕަރޭޝަނުގެ ފާރުގަނޑުގެ ލަކުނު ކުޑަވުން ފަދަ ފައިދާތައް ލިބެއެވެ. އަދި މިބާވަތުގެ އޮޕަރޭޝަންތަކަށްފަހު ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ މުހުލަތުވެސް ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ އަޅާބަލާއިރު ކުޑައެވެ. 

މިފަދަ އޮޕަރޭޝަނުގެ ހިދުމަތް ކުރިން ރާއްޖެއިން ނުލިބެއެވެ. ނަމަވެސް ސަރުކާރުން ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ވަރަށް ގިނަ އައު ޕްރޮސީޖާތައް ރާއްޖޭގެ މައި ހޮސްޕިޓަލު ކަމުގައިވާ އައިޖީއެމްއެޗްގައި ތައާރަފުކުރުމުގެ ސަބަބުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެއެވެ. 

ސަރުކާރުން އަންނަނީ އައިޖީއެމްއެޗްއިން ލިބޭ ހިދުމަތްތައް ފުޅާކޮށް އައު ހިދުމަތްތައް ތައާރަފުކުރުމަށާއި، ސަރަހައްދީ ހޮސްޕިޓާތަކުން ކުރިން ނުލިބޭ އައު ހިދުމަތްތައް އެތަންތަނުން ލިބޭ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު