ENGLISH

30 އޮކްޓޯބަރު 2025

Advertisement

ވަން-ޗައިނާ ޕޮލިސީ އަދި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމަށް ރާއްޖެއިން ތާއީދުކުރާނެ: ރައީސް

01 އޮކްޓޯބަރު 2025

|

ހަސަން އާމިރު

"ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމާ، އިސްތިޤުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ އިތުބާރު ދެމެހެއްޓުމާއި، ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި، ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު، ލީ ޗާންގްއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، ދެ ބޭފުޅުންނަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާން ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި ފަހުމުނާމާތަކުގެ ސަބަބުން، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ހިނގައްޖެކަން ފާހަގަކުރައްވައި، އަދި މީގެ ސަބަބުން، މުސްތަޤުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ޗައިނާގެ ޤައުމީ ދުވަހަކީ، އެޤައުމުގެ ޒަމާންވީ ތަރައްޤީގެ ދަތުރު ރަމްޒުކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ދެބޭފުޅުންނަށްވެސް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް ޞުލްޙަ މަސަލަސްކަމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި، ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ވަނީ، ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު