ENGLISH
30 އޮކްޓޯބަރު 2025
ސުލްހަވެރި އެއްވުމުގެ ނިވަލުގައި މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެ، ފުރުސަތު ނުދޭނަން: ފުލުހުން
01 އޮކްޓޯބަރު 2025
|
ދިވެހި ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން، ފޮޓޯ: މިހާރު
އަންނަ ހުކުރުދުވަހުގެ ރޭ މާލޭގައި އިދިކޮޅު ޕާޓީތަކުން ބާއްވަން ނިންމާފައިވާ އެއްވުމުގެ ތެރެއިން މާލޭގައި ހަމަނުޖެހުން ހިންގައި، ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށާއި، އެފަދަ ކަންކަމަށް ފުރުސަަތު ނުދޭނެ ކަމުގައި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެ ހިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް "ސުލްހަވެރިކަމައެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކާއި، މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ސުލްހަ ބެލެހެއްޓުމަކީ އެ ހިދުމަތުން ވަރަަށް ބޮޑަށް އިސްކަންދީގެ ކުރަމުންދާ ކަމެއް ކަމަށެވެ.
ނަމަވެސް ހުކުރު ދުވަހުގެ ރޭ ބާއްވާ ހިނގައިލުން ފުލުހުން ހުއްދަދީފައިވާ ރޫޓާ ހިލާފަށް ކުރިއަށްގެންދިއުމަށާއި، އެއްވުމުގެ ބައިވެރިން އެކި ބައިބައަށް ބެހި ކުށްކުރާ ގުރޫޕުތައް މަގުމައްޗަށް ނެރެ މާލެ ތެރެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށް އެ ހިދުމަތުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ އެފަދަ އަމަލުތަކަކީ އެކަންކަމުގެ ސަބަބުން މާލޭގެ ހަމަޖެހުމާއި ސުލްހަވެރިކަން ގެއްލި އަމާންކަން ނެތިގެންހިނގައިދާނެ ފަދަ އަމަލުތަކެއް ކަމުގައި ދެކޭ ކަމަށެވެ.
އަަދި ސުލްހަވެރިކަމާއެކު ގެންދާ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެ އެއްވުމުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގަނޫނާ ހިލާފަށް އަމަން އަމާަންކަން ގެއްލިދާނެ އެއްވެސް އަމަލެއް ނުހިންގުމަށާއި، އެފަދަ އަމަލަކށް ހިތްވަރުނުދިނުމަށް ފުލުހުންގެ ހިދުމަތުން ގޮވައިލިއެވެ.
އިތުރަށް ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ އެއްވުމުގެ ތެރެއިން މާލޭގެ އަމާންކަން ނަގައިލާ ހަލަބޮލިކުރުމަށް ފުލުހުންގެ ހިދުމަތުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އަދި އެ ހަރަކާތް ކުރިއަށްގެންދާއިރު، އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުންދިނުމަށާއި، އެންމެހައި ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް، މުޖުތަމައުގެ އާއްމު މަސްލަަހަތަށް އުނިކަމެއް ނުލިބޭނެހެން ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ.