ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކައިގެ ހިޔާނާތުގެ ހިޔަނީގައި؛ އެސެޓް ރިކަވަރީ ގާނޫނެއްގެ ބޭނުންތެރިކަން

30 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެސެޓް ރިކަވަރީ ގާނޫނެއްގެ ތެރެއިން ދައުލަތަށް ގެއްލޭ ފައިސާ ހޯދޭނެ

ދިވެހިރާއްޖޭގެ ފަހުގެ ތާރީހަށް ބަލާއިރު އަބަދުވެސް އިވޭ އެއް އަޑަކީ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން އެތައް ބިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލި، އެ ފައިސާ އިއާދަނުކުރެވި، ބޮޑެތި ގެއްލުންތަކެއް ރައްޔިތުންގެ ބައިތުލްމާލަށް ލިބެމުންދާ ވާހަކައެވެ. އެފްޕީއައިޑީ ހިޔާނާތާއި، އެމްއެމްޕީއާރުސީ ހިޔާނާތައި އިހަކަށްދުވަހު ފެންމަތިވި ފެނަކައިގެ ކޮރަޕްޝަނުގައިވެސް ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެލުނެވެ. ނަމަވެސް ރައްޔިތުންގެ ނިމުމެއް ނެތް ޝަކުވާއަކީ މިފަދަ ކޮރަޕްޝަނުގެ ތެރެއިން ގެއްލޭ ފައިސާ ނުހޯދޭ ކަމެވެ.

އެފްޕީއަައިޑީ ހިޔާނާތް ހިންގި މީހުންނާއި، އެމީހުން ދަައުލަތުން ނެގި ފައިސާގެ އަދަދުތައް އެނގެއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ވަގަށް ނެގި ފައިސާގެ އަދަދުތަކާއި އެ ފައިސާ ވަގަށް ނެގި މީހުންނާއި، ބެހި މީހުންނާއި ލިބުނު މީހުން އެނގުނެވެ. ފެނަކައިގެ ކޮރަޕްޝަނުގެ ތެރެއިން ގެއްލުނު ފައިސާގެ އަދަދުތައް އެހުރީ އޮޑިޓަރ ޖެނެރަލް ރިޕޯޓުން އެނގޭށެވެ. އޮޅުވާލައިގެން ފެނަކައިގެ ތެރެއިން ބޮޑު އަގުގައި މަޝްރޫއުތައް ހަވާލުކޮށް ދޫކުރި ފައސާގެ އަދަދުތައް ފެންނަން އެހުރީއެވެ. އެ ފައިސާ ލިބުނު ކުންފުނިތަކާއި ފަރުދުންވެސް އެނގެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވިއެވެ. ނަމަވެސް ކޮމިޝަން އުވައިލެއްވުމާ ހަމައަށް އެތައް މިލިއަން ރުފިޔާއެއް ކޮމިޝަަނަށް ހަރަދުވި ނަމަވެސް އަނބުރާ ދައުލަތަށް އިއާދަކުރެވުނު ފައިސާއެއް ނެތެވެ. ކުރިންވެސް ކޮރަޕްޝަނުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމުގެ ނަމުގައި ބައެއް މަސައްކަތްތައް އެކި ސަރުކާރުތަކުން ކުރި ނަމަވެސް ނަތީޖާއެއް ނުނެރެވުނެވެ. 

ކޮރަޕްޝަނުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވަނީ އެކަންކުރާނެ ގާނޫނީ އޮނިގަނޑެއް ނެތުމުންނެވެ. އެކަން ހައްލުކުރުމަށް އެފަދަ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ ފުރުސަތު ފާއިތުވި ދެ ސަރުކާރަށް ލިބުނު ނަމަވެސް އެކަން އޮތީ ނުކުރެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެސެޓް ރިކަވަރީ ބިލެއް ވަރަށް އަަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސުވާލަކީ އެސެޓް ރިކަވަރީ ބިލަކީ ކޮބައިތޯއާއި އެފަދަ ބިލަކުން ނެރެވޭނެ ނަތީޖާއަކީ ކޮބައިތޯއެވެ. 

އެސެޓް ރިކަވަރީގެ މަސައްކަަތް ހިނގާ ގޮތް 

އެސެޓް ރިކަރަވީ ނުވަތަ ދައުލަތަކުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގައި މައިގަނޑު ފަސް މަރުހަލާއެއް ކަޑައްތުކުރަންޖެހެއެވެ. އެސެޓް ރިކަވަރީ ގާނޫނަކީ މި މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް މަގުފަހިވާ ގޮތަށް ފަރުމާކުރާ ގާނޫނެކެވެ. 

ފުރަތަމ މަރުހަލާއަކީ ދައުލަތުން ގެއްލިފައިވާ ފައިސާ ގޮސްފައި ހުރީ ކޮން ތަންތަަނަކަށްކަން ދެނެގަތުމެވެ. މި މަސައްކަތށް ފޮރެންސިކް އެކައުންޓިންއާއި މާލީ އިންޓެލިޖެންސް މައުލޫމާތާއި، ވިސްލްބްލޮވާސް ފޯރުކޮށްދޭ މައުލޫމާތާއި ބޭރުގެ ބޭންކުތަކުގެ އެއްބާރުލުން ލިބެއެވެ. އެސެޓް ރިކަވަރީ ގާނޫނުން މިދެންނެވި ހުރިހާ ކަމަކަށް މަގުފަހިކޮށްދޭނެއެވެ. 

މިސާލަކަށް ނައިޖީރިއާގެ ކުރީގެ ލީޑަރު ސަނީ އަބަޗާ އެގައުމުގެ އެތައް ބިލިއަން ޑޮލަރެއް ލޫޓުވާލައިގެން ބޭރުގެ ގައުމުތަކުގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށް ފޮރުވިއެވެ. ސްވިޒްލޭންޑާއި ލަގްޒެމްބާގާއި، އެނޫންވެސް ގައުމުތަކުގައި ފޮރުވާފައި ހުރި އެފައިސާ ހޯދުމަށް ނައިޖީރިއާގެ އިދާރާތަކަށް އެ ގައުމުގައި އޮތް އެސެޓް ރިކަވަރީގެ ގާނޫނީ ނިޒާމު އެހީތެރިވިއެވެ. 

މިދެންނެވި އެސެޓުތައް ހޯދުމަށްފަހު ދެން އޮންނާނެ މަރުހަލާއަކީ އެ އެސެޓުތައް ގަނޑުކޮށް ބޭނުންކުރުމާއި އެހެން ތަނަކަށް ގެންދިއުން މަނާކުރުމެވެ. މި ފިޔަވަޅު އަޅަންޖެހެނީ ހަލުއިކޮށެވެ. ވަރަށް ގިނަ ފަހަރަށް ނުހައްގު ގޮތުގައި ހޯދާ ފައިސާއަކީ ވަރަށް އަވަސްއަވަހަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުކުރާ ފައިސާއެވެ. 

ދެން އޮންނަ މރުހަލާއަކީ ގާނޫނީ އިމުގެ ތެރެއިން އެ ފައިސާ ދައުލަތަށް ނެގުމެވެ. އެއަށްފަހު ބޭރުގައި ފޮރުވާފައި ހުރި ފައިސާ އަނބުރާ އެ ފައިސާ އެ ގައުމަކަށް ނިސްބަތްވާ ގައުމަށް ގެނައުމެވެ. މި މަރުހަލާއަކީ ސިޔާސީ ގޮތުން އެންމެ ހައްސާސް މަރުހަލާއެވެ. ކާމިޔާބުކަމާއެކު މިގޮތަށް ފައިސާ ހޯދުނު ހޯދުމުގެ އެއް މިސާލަކީ ވޯލްޑް ބޭންކުން މޮނިޓާކުރާ ގޮތަށް އެކުލަވައިލި އެއްބަސްވުމެއްގެ ދަށުން އަބަޗާގެ ފައިސާގެ ތެރެއިން 322 މިލިއަން އެމެރިކާ ޑޮލަރު ސްވިޒްލޭންޑުން ނައިޖީރިއާއަށް ފޯރުކޯށްދިނުމެވެ. 

އަދި ފިލިޕީންސްގެ ފާޑިނެންޑް މާކޯސްގެ ވެރިކަމުގައި އެ ގައުމުން ވަގަށް ނަގައިގެން ސްވިޒްލޭންޑުގެ ބޭންކުތަކުގައި ފޮރުވި 680 މިލިއަން ޑޮލަރު އަނބުރާ ފިލިޕީންސްއަށް ގެނެވުނެވެ. އެ ފައިސާ ބޭނުންކުރެވުނީ ބިމުގެ ސިޔާސަތު އިސްލާހުކުރުމަށާއި މާކޯސްގެ ހުދުމުހުތާރު ސަރުކާރުގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމަށެވެ. 

ރާއްޖެއަށް އެސެޓް ރިކަވަރީ ގާނޫނެއް ބޭނުންވަނީ ކީއްވެ؟ 

ރާއްޖޭގައި ހިނގާ ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެންދާ އެތައް ބިލިއަން ރުފިޔާއެއް ޓްރޭސްކޮށް އެ ފައިސާ މާލީ ނިޒާމުގެ ތެރޭގައި ދައުރުވާ ގޮތް ބެލޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސައި، ކޮރަޕްޝަނަށް ތުހުމުވާ ހިސާބުން ފެށިގެން ފައިސާ ދައުރުވާ ގޮތް ތަހުގީގީ އިދާރަތަކަށް ފަސޭހައިން ހަލުއިކޮށް ބެލޭނެ އިންތިޒާމުތަކެއް އެސެޓް ރިކަވަރީ ގާނޫނުން ހަމަޖެހިގެންދާނެއެވެ. 

އަދި ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެންދާ އެސެޓުތައް ހޯދުމުގައި އެހީތެރިވުމަށް ގާއިމުކުރެވިފައިވާ ބައިނަލްއަގުވާމީ މެކޭނިޒަމްތަކުގެ ތެރެއިން އެ ފައިސާ ހޯދައި، އަނބުރާ ރާއްޖެއަށް ގެނައުމަށް އަޅަންޖެހޭ ފިޔަވޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އިންތިޒާމުތައްވެސް މިފަދަ ގާނޫނަކުން ވުޖޫދުކުރެވޭނެއެވެ. 

އެއިރުން ފައިސާއެއް ގެއްލުމާއެކު ދުނިޔޭގެ މާލީ އިދާރާތައް މެދުވެރިކޮށް، ބޭރު ގައުމުތަކުގެ ބޭންކުތަކުގައި އެ ފައިސާ ދައުރުކުރޭތޯ ބަލައި، ދައުރުކުރާނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވާނެއެވެ. 

އޭގެ އިތުރަށް ބައިނަލްއަގުވާމީ އެއްބަސްވުންތަކުގެ ތެރެއިން ބޭރުގެ އިހުތިސާސްތައްވެސް ބަލައިގަންނާނެ ކޯޓު އޯޑަރުތައް މެދުވެރިކޮށް މިގޮތަށް ދައުލަތުގެ ފައިސާއިން ގެއްލިގެންދާ ފައިސާއާއި ހަރު މުދާ ގަނޑުކޮށް ފްރީޒްކުރުމަށް މަގުފަހިވާނެއެވެ. 

އަދި ކުށްކުރާ މީހުން ފިލައިގެންދިޔަ ނަމަވެސް އެމީހުން ކުށުން ހޯދި ފައިސާ އަނބުރާ ހޯދުމަށް މި ގާނޫނުން މަގުފަހިވާނެއެވެ. މިސާލަކަށް ވޯލްޑް ބޭންކުގެ ސްޓޯލެން އެސެޓް ރިކަވަރީ އިނިޝިއޭޓިވް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް މަސައްކަތްކުރުމަށް ގާނޫނުގެ ތެރެއިން މަގުފަހިވާނެއެވެ. 

އެހެންކަމުން މި ގާނޫނު ފާސްވެ އަމަލުކުރަން ފެށުމުން ރާއްޖޭގެ މުއައްސަސާތައް "ލޫޓުވާލައި" ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ރައްޔިތުންގެ ބައިތުލްމާލު ދޮވެލައިގެން ރާއްޖެއިން ބޭރަށް ގޮސް އަރާމުގައި ދިރިއުޅޭ މީހުންގެ އެކައުންޓުތަކުގައި ރައްކާކުރެވިފައި ހުރި ފައިސާ ހޯދަން ފަސޭހަވާނެއެވެ. އެމީހުން ދައުލަތުގެ ފައިސާއިން ފެށި ވިޔަފާރިތައް ދެނެގަނެ، އެއްކޮށް ޖަމާކުރި ފައިސާއާއި ހަރުމުދާ ދައުލަތަށް ނަގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭނުންކުރަން މަގުފަހިވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު